ނ. ކުޑަފަރީ ސުކޫލުގެ ރަންޔޫބީލްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިލްމީ ގޮތުން ސިކުނޑި ހުޅުވާލާ ދިރިއުޅުމުގެ އަމަލީ މައިދާނަށް ކުދިން އަހުލުވެރިކުރުވުމަކީ ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ތެރެއިން ޖަޒީރާ ސުކޫލުތަކެއް ހިންގުމަށް ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅި ސަބަބު ކަމަށެވެ.
"މި ނިޒާމަށް ރާއްޖޭގެ ހުރިހާ ސުކޫލުތައް ބަދަލުވުމުން އޭގެ ނަތީޖާ ފެންނަން ފަށާނެ. މި ނިޒާމުގެ ތެރެއިން ދަސްވެނިވާއިރު ކޮންމެ ދަރިވަރެއް ހުންނާނީ އަމިއްލަ ޒިންމާތަކަށް ފަރިތަވެފައި. ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހޭނެން ފަށާފަ. އެކުދިން ތިބޭނީ ސުކޫލުގައި ދަސްކުރި އެއްޗެހި އަމަލީގޮތުން ތަންފީޒުކުރަން އަހުލުވެރި ވެފައި" ރައީސް ވިދާޅުވިއެވެ.
ގައުމުގެ ދީނާއި ސަގާފަތް ހިފަހައްޓާ އެއްޗަކީ ތައުލީމީ ނިޒާމެވެ. އަދި ގައުމެއްގެ ދީނާއި ސަގާފަތް ބަދަލުކުރާ އެއްޗަކީވެސް އެ ގައުމެއްގެ އަފުރާދުންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތެވެ. ގައުމު ތަރައްގީވެ ކުރިއަރައިގެން ދާނީވެސް އެ ގައުމުގެ ދަރީންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދީ ކުދިން ދިރިއުޅުމަށް ތައްޔާރު ކުރެވިގެންނެވެ. ނަމަވެސް ހަގީގަތުގައި ކަން ހިނގާ ގޮތަކީ މިއެއް ނޫނެވެ.
ރާއްޖޭގެ ތައުލީމީ ސިޔާސަތަކީ ވަށާޖެހޭ ތައުލީމެއް ކުދިންނަށް ފޯރުކޮށް އެކުދިން ދިރިއުޅުމަށް ތައްޔާރު ކޮށްދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވާއިރު، އުފެދޭ ސުވާލަކީ ހަގީގަތުގައިވެސް މި ލަނޑުދަނޑި ހާސިލުވޭ ހެއްޔެވެ؟
"އޭ ސްޓާ" ނުލިބިއްޖެނަމަ ކާމިޔާބު ކުއްޖެއް ކަމަށް ބަލައެއް ނުގަނޭ
ތައުލީމީ ސިޔާސަތަކީ ކުދިން ދިރިއުޅުމަށް ތައްޔާރު ކުރުން ކަމުގައި ވީނަމަވެސް އެންމެންގެ އަމާޒު ހުއްޓިފައި ވަނީ ހަމައެކަނި ނަގާ ޓެސްޓުން ލިބޭ މާކުހާ މެދު ކަން ޝައްކެތްނެތެވެ. ސަބަބަކީ މުޖުތަމައު ދެކެނީ އެފަދައިން ކަމުގައި ވާތީއެވެ. ހަމަ މިބީދައިން ވިސްނާއިރު، ބެލެނިވެރިޔާ ވެސް ދަރިފުޅުގެ ފޮތުގައި ލިޔެ ފުރައިލެވިފައިވާ ސޮފުހާތައް އަދި ފާހަގަ ޖަހައި ދީފާއިވާ މާކްސްތަކެއް ނެތްނަމަ ދަރިފުޅަށް ކިޔަވައިދީފައި ވާކަމަކަށް ގަބޫލެއް ނުކުރެއެވެ. ސުކޫލުގެ ހަރަކާތްތަކަށް ހޯދަން އުނދަގޫ "ތަދު" އެއްޗެހި ހޯދަން ޖެހުނުނަމަވެސް ބެލެނިވެރިން އެކަން ކޮށް ބޮޑު އަގު ދީފައި ޓިއުޝަންތަކަށް ފޮނުވަނީވެސް ކުއްޖާއަށް "އޭ ރިޕޯޓެއް" ހޯދައިދިނުމުގެ މަގުސަދުގައެވެ. މަހެއް ނިމިގެން ދާއިރު ސުކޫލުގައި ކިޔަވާ ކުއްޖަކަށް ސުކޫލު ފީއާއި ޓިއުޝަން ފީތަކުގެ އިތުރުން މިގޮތަށް ގެންނަން ބުނާ ތަކެއްޗަށް މަދުވެގެން 3000 އެއްހާ ރުފިޔާ ހަރަދުވުމަކީ ބެލެނިވެރިންނަށް ތަކުލީފަކަށް ނޫނީ ނުވާނެއެވެ.
"ތައުލީމީ ނިޒާމުގައި ދިރިއުޅުމަށް ތައްޔާރު ކުރުމަށް އޮތަސް ނަތީޖާއާއި ނުލާ ކުރިއަށް ދެވެން ނެތުމުން ކުދިންނާއި މުދައްރިސުން އުޅެނީ ނަތީޖާ ނެރެން. އެކަމުން ދަސްވެފަ ހުރި އެއްޗެއް ދަސްވީ. އެކަމަކު ދިރިއުޅުމަށް ތައްޔާރު ކުރުމުގެ ނަމުގައި ދައްކާ ވާހަކަ އަދި ދިމަލެއް ނުވޭ. އެކަން ބެލޭނެ ގޮތެއް ނެތް. ކަން މިހެން ހުރުމުން ސުކޫލު ނިންމާ ކުއްޖަކަށް ވަޒީފާއަށް ކުރިމަތިލާއިރު ދައްކާނެ ސެޓްފިކެޓެއް ނޯވޭ. އަދިވެސް ވަޒީފާއަށް ބޭނުންވަނީ ސެޓްފިކެޓް" 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މި ދާއިރާގައި އެތައް ދުވަހަކު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ދިވެހި މުދައްރިސަކު ބުންޏެވެ.
ސުކޫލު ނިމިގެން ދާއިރު ރަނގަޅު މޮޅު ނަތީޖާއެއް ހޯދުމަކީ ނުހަނު މުހިންމު ކަމެކެވެ. ނަމަވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުމަށްޓަކައި ނަތީޖާގެ އިތުރުން ދިރިއުޅުމުގެ އެހެނިހެން ހުނަރުތައް ސުކޫލުތަކުން ދަސްކޮށްދެވެން ޖެހޭނެއެވެ. އެގޮތުން ލީޑާޝިޕް (އިސްނެގުން)، ކޮމިއުނިކޭޝަން (މުއާމަލާތުކުރުން)، ޕްރޮބްލަމް ސޯލްވިން (މައްސަލަ ހައްލުކުރުން)، އޭންގާ މެނޭޖްމެންޓް (ރުޅި ކޮންޓްރޯލް ކުރުން) ފަދަ އެތަކެއް މުހިންމު ކަންތައްތަކެއް ދަރިވަރުންނަށް ދަސްކޮށް ނުދެވޭހާ ހިނދަކު ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދިންތަކެއް އުފެދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ވަޒީފާގެ މާހައުލަށް ދަރިވަރުން އަހުލުވެރިއެއް ނުވޭ!
ވަޒީފާގެ މާހައުލަށް ދަރިވަރުން އަހުލުވެރިވެފައި ނެތުމުގެ މައިގަނޑު ސިއްރަކީ އެފަދަ ހުނަރުތައް ދަސްކޮށްދެވިފައި ނެތުމެވެ. ނުވަތަ އެފަދަ ހުނަރުތައް ދަސްކޮށްދެވިފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ ކުދިންނަށް ކަމުގައި ވާތީއެވެ. "ޔޫތް އޮން ދަ މޫވް" ގެ ފަރާތުން "ސްޓްރެންތަނިން ލައިފް ސްކިލް ފޯ ޔޫތް" ގެ ނަމުގައި ދަރިވަރުންނަށް ދިރިއުޅުމާއި މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ފަށައި ބިލެއްދޫ ސުކޫލު، އިސްކަންދަރު ސުކޫލު އަދި ތޮއްޑޫ ސުކޫލަށް އަމާޒުކޮށް ޕްރޮގްރާމެއް ހިންގިއެވެ.
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު މީގެ ކުރިން ވިދާޅުވެފައި ވަނީ މި ކޮވިޑް-19ގެ ޕެންޑަމިކް ހާލަތާއެކު ރާއްޖޭގެ ތައުލީމީ ނިޒާމަށް ބަދަލު ގެންނަން ޖެހޭކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި ތައުލީމީ ނިޒާމަކީ އުފެދެމުން ބަދަލުވަމުން އަންނަންޖެހޭ އެއްޗެއް ކަމަށެވެ. އަދި ސުކޫލުތަކުގައި ކުދިންނަށް ތައުލީމު ދެމުންދަނީ ނުފެންނަ މުސްތަގުބަލަކަށް ކަމަށާއި، އެކުދިން ގައިގައި ހުންނަ ހުނަރުތައް އިންޑަސްޓްރީގައި ކިހާ ބޭނުމެއް ހިފޭތޯވެސް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތް ކުރަން އެކި ސިނާއަތްތައް އޮތް އިރު މައިގަނޑު ދެ ސިނާއަތް ކަމުގައި ވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި މަސައްކަތް ކުރާނެ ގާބިލު ގިނަ ދިވެހިންތަކެއް އުފެދިފައެއް ނެތެވެ. ގިނަ އަދަދެއްގެ ބިދޭސީން މަތީ މަގާމުތަކުގައި ތިބުމުން ދޭހަވަނީ ރާއްޖޭގެ ތައުލީމީ ސިޔާސަތު ހާސިލުވެފައި ނެތްކަމެވެ.
ފައިދާހުރި ޖީލެއް ބިނާކުރަންޏާ ކުޑައިރުންސުރެ ފެށަން ޖެހޭ
ދިރިއުޅުމަށް ކުދިން ތައްޔާރު ކުރުމަކީ އެއް ދުވަހުން ނުވަތަ އެއް މަހުން ނުވަތަ އެއް އަހަރުން ކުރެވޭ ވަރަށް ވުރެ މާ ބޮޑު ކަމެކެވެ. މިފަދަ ހުނަރުތައް ދަރިވަރުން ގައިގައި އަށަގެންނުވޭނީ އެންމެ ކުޑައިރުން ފެށިގެން އެ މަސައްކަތް ކުރެވިގެންނެވެ. ސުކޫލުތަކުގައި ކުދިންނަށް ބުރަ ވާވަރަށް މަސައްކަތް ހަވާލުކުރާ ކަމުގެ ޝަކުވާ ބެލެނިވެރިން ދަނީ ކުރަމުންނެވެ. އެގޮތުން ޕްރައިމަރީ ގުރޭޑު ތަކުގައި ކިޔަވާ ކުދިންނަށް މާ ބުރަ ބޮޑުވާ ގޮތަށް ސުކޫލުތަކުން ރާވާ ހަފްތާގެ ފަސްދުވަހު އަބަދުމެ ކިޔެވުމުގައި ހޭދަކުރުމަށް ފަހު ހަފްތާ ބަންދަށްވެސް ނިންމަން ބައިވަރު ވޯކްޝީޓުތައް ދޭ ވާހަކައެވެ. މިކަމުގެ ސަބަބުން އާއިލާއާއި ރައްޓެހިންނާއެކު ހޭދަކުރެވޭ ވަގުތު މަދުވެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރުކުރާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ބައެއް މުދައްރިސުން ވަނީ ސޯޝަލް މީޑިއާގެ އިތުރުން އެހެނިހެން ގޮތްގޮތުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކޮންމެ ކުއްޖަކުވެސް އަމިއްލައަށް ދަސްކުރަންޖެހޭ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްފައެވެ.
ތައުލީމަކީ ހަމައެކަނި ފޮތުން އުނގެނި އޭގައިވާ އެއްޗެހި ހިތު ދަސްކުރުމެއް ނޫނެވެ. ރަނގަޅު ތައުލީމެއް ލިބިފައިވާ ކުއްޖަކީ ދިރިއުޅުމަށް ލޯ ހުޅުވިފައިވާ ކުއްޖަކަށް ވާންޖެހެއެވެ. އެހެންކަމުން މި ފޯރުކޮށްދެވޭ ތައުލީމުން ދިރިއުޅުމަށް ކުދިން އެންމެ އެކަށޭނެ ގޮތުގައި އަދި ތައްޔާރު ނުކުރެވޭ ނޫންހެއްޔެވެ؟
ރާއްޖޭގެ 2 ސިނާޢަތު: ޓޫރިޒަމްގެ މެނޭޖުމަންޓް، ޖެނެރަލް މެނޭޖަރ، މާކެޓިންގ މެނޭޖަރ، އެކައުންޓެންޓް، އެޗް.އާރު ގެ ކިތަމެ ވަޒީފާއަކަށް ޤާބިލު ކިތަމެ ދިވެހީންނެއް އެބަތިބި. އެކަމަކު ސަރުކާރުތަކުން ރިޒޯޓްތައް ދީފައިވަނީ ބޭރު ކުންފުނިތަކަށް. އެމީހުން ވަޒީފާދެނީ އެމީހުންގެ މީހުނަށް.
މި5އަހަރު ދުއްވާލީ ފޮޓޯ ބޫތުތަކުން. ވީކަމެއް ހަރާމުން ހަރާމް. ޕީއެޗްޑީ ވަލުދޮރާށީންވަދެ ނަގާފަހުރި އާޢިޝަތުއެއް ތިއީ. ދަރިން ހަލާކު މައިންބަފައިން ދެފައި އެއްތާކުނުޖަހާ ޓީޗަރުން ހަބޭސް ވަކި ޕްރިންސިޕަލުންތަކެއް އުދުހެނީ.