މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ މިއުޒިކީ ކެރިއަރު ހުއްޓާލަން އުޅޭކަމަށް އަޑުފެތުރެން ފަށައިފިއެވެ.

ދާދިފަހުން ޖަސްޓިން ވަނީ އޭނާއަށް ރެމްޒީ ހަންޓް ސިންޑްރޮމް ޖެހިފައިވާ ކަމަށް ބުނެފައެވެ. ޖަަސްޓިންގެ ބަލި ރެމްޒީ ހަންޓް ސިންޑްރޯމްއަކީ ނާރުތަކުގެ ނިޒާމަށް ޖެހޭ، މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ޖެހެނީ، ބޮލު ތެރެއިން، ކަންފަތުގެ އެތެރެއާ ކައިރިން ނާރަކަށް، ވެރިސެލާ-ޒޯސްޓާ ވައިރަސް ހަމަލާ ދިނުމުންނެވެ. ޖަސްޓިން، ވޯލްޑް ޓުއާ އިއުލާންކޮށް ހަތަރު ފަހަރެއްގެ މަތިން މިހާރު ޓުއާ ކެންސަލްވެސް ކުރިއިރު ޓުއާ އަށް ޓިކެޓް ގަތް މީހުންނަށް ވަނީ ރީފަންޑުވެސް ދޭން ފަށާފައެވެ.

ޖަސްޓިން އާއި ގާތް މީހަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނީ މިހާރު ޖަސްޓިން ބޭނުންވަނީ އޭނާގެ މިއުޒިކް ކެޓަލޮގް 200 މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހު އޭނާގެ ސިއްހަތަށާއި ކައިވެންޏަށް އިސްކަން ދިނުމަށް ކަމަށެވެ. އަދި މިއުޒިކްގެ ޕްރެޝަރު ޖަސްޓިން އަށް މިހާރު ވަރަށް ގަދައަށް ކުރަމުން އަންނަ ކަމަށާއި އެއީ އޭނާގެ ސިއްހަތަށް އެެއްވެސް ވަރަކަށް ފައިދާ ހުރި ކަމެއް ނޫންކަމަށެވެ. އެހެންވެ ޑަކްޓަރުންވެސް އިރުޝާދުދެއްވަނީ އުފަލެއް ނެތް ކަންކަން މިވަގުތު ދޫކޮށްލުމަށްފަހު ސިއްހަތަށް ބޮޑަށް އިސްކަން ދިނުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަޝްހޫރު ގިނަ ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޖަސްޓިން ކައިވެނިކޮށްގެން އުޅޭނީ މޮޑެލް ހެއިލީ ބީބާ އާއެވެ. އެދެމީހުން ކައިވެނިކުރީ 2018 ވަނަ އަަހަރުއެވެ. އުމުރުން އެންމެ 16 އަހަރުގައި ސެލީނާ ގޯމޭޒް ފީޗާ ކުރި "ބޭބީ" ލަވައިން ބޮޑު މަގްބޫލު ކަމެއް ހޯދި ޖަސްޓިން ވަނީ މިހާތަނަށް ހަ އަލްބަމް ނެރެފައެވެ.