1 މިލިއަން ރުފިޔާގެ ރިޝްވަތު ނަގައިގެން ބިމެއް ވިއްކަން އުޅުނު މައްސަލައެއްގައި ޝާމިލް ވި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އެ މުވައްޒަފު މީގެ ކުރިން ސަސްޕެންޑް ކޮށްފައި ވާއިރު އެޗްޑީސީއިން ބުނީ އެތާނގައި އޮންނަ އުސޫލުތަކާ ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަވި ހިސާބުން އެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާ އެކަމުގައި ޝާމިލުވާ މުވައްޒަފު އިއްޔެ ވަކިކޮށްފައިވާ ކަމަށެވެ.

އެ މުވައްޒަފު ވަކިކޮށްފައި ވަނީ އަމިއްލަ ފަރާތަކަށް ކ. ތިލަފުށިން ބިމެއް ވިއްކަން އުޅެގެންނެވެ. އެއީ މީގެ ކުރިންވެސް އެފަދަ މައްސަލައަކާ ގުޅިގެން ޕާސަނަލް އެސިސްޓެންޓްގެ މަގާމުން އޮފިސަރެއްގެ މަގާމަށް ވަޒީފާ ދައްކޮށްފައި ހުރި މުވައްޒަފެކެވެ.

މީގެ ކުރިން އެހެން މުވައްޒަފަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މިދިޔަ މަހު ކުރީކޮޅުވެސް ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކުމަށް ހުޅުވާލާފައި ވެއެވެ. ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބިން ވިއްކަމުން ދާއިރު މި ފަހަރު ހުޅުވާލީ ޒޯން އޭގެ ބިންތައް ވިއްކުމަށެވެ.

ބިން ވިއްކުމުގެ އުސޫލެއްގެ ގޮތުން މިދިޔަ މަހު ކަނޑައަޅާފައި އޮތީ އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައެޅުން (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް) އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުމެވެ މީގެ އިތުރުންވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދިނުން އުސޫލެއްގެ ގޮތުން ކަނޑއަޅާފައި ވެއެވެ. އަދި ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ.

މީގެ އިތުރުން އާންމު ފަރާތަކުން ކުލީގެ ގޮތުގައި އެޗްޑީސީއަށް ދެއްކި ފައިސާ އަމިއްލަ ބޭނުމަކަށް ނަގައި ބޭނުންކުރި އެޗްޑީސީގެ މުވައްޒަފަކު ވެސް ދާދިފަހުން ވަނީ ވަޒީފާއިން ވަކިކޮށްފިއެވެ.