ބޭރުގެ މާކެޓްތަކުގެ ސަމާލުކަން ހޯދުމަށް ގިނަ ހޭދައެއް ކޮށް އިސްތިހާރު ކުރުމާއި އެތައް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން އިތުރު މަސައްކަތްތަކެއް ފަށާފައި ވަނީ 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން ދިމާވި އިގްތިސޯދީ ގޮން ޖެހުންތަކުން އަރައިގަތުމަށެވެ. އެގޮތުން މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށް މި އަހަރު ތެރޭ 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް ރާއްޖެއަށް ވަނީ 500،597 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ފަތުރުވެރިންގެ އަދަދަށް ބަލާއިރު 18 ޕަސެންޓްގެ ކުރި އެރުމެކެވެ.

މި އަހަރުގެ މިހާތަނަށް 500،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެގޮތުން މިއަހަރުތެރޭ ރަޝިއާއިން ވަނީ 60،590 ފަތުރުވެރިން އައިސްފައެވެ. އަދި އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ލިސްޓުގެ ދެވަނައިގައި ވަނީ، 52.734 ފަތުރުވެރިންނާއެކު އިންޑިއާއެވެ. އަދި ތިންވަނައިގައި ވަނީނ 45،869 ފަތުރުވެރިންނާއެކު ޔޫކޭއެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ލިސްޓުގައި މިއަހަރު ދެން ތިބި ގައުމުތަކަށް ބަލާއިރު، އިޓަލީއާއި، ޖަރުމަނާއި، ފްރާންސާއި، ޠުއެސްއޭގެ އިތުރުން ޗައިނާ ސްވިޓްޒަލޭންޑް އަދި ޕޮލެންޑް ހިމެނެއެވެ. ޗައިނާ މާކެތް ހުޅުވާލި ފަހުން އެ ގައުމުން ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ޓޫރިޒްަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވެސް ފާހަގަ ކުރައްވާފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އަދަދުތައް ހާމަކުރަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، 2023 ގެ އަމާޒް ހާސިލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އަމާޒާ ހަމައަށް ދެވޭނެ ކަމަށް ވަރަށް އުންމީދު ކުރާ ކަމަށެވެ. ފުރަތަމަ ކުއާޓަރުގައި 5 ލައްކަ ފަތުރުވެރިން އައިސްފައިވާ އިރު އެކަން ފާހަގަ ކުރައްވަމުން މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ސްޓޭކް ހޯލްޑަރުންނާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މައުސޫމް ވަނީ ޝުކުރު އަދާ ކޮށް މަރުހަބާ ދަންވާފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މި އަހަރު ތެރޭ މިހާތަނަށް 5 ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މާޗް މަހުތެރޭގައި ރާއްޖެ އަށް އައިސްފައި ވަނީ 150،183 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ ދެ މަހު ރާއްޖެއަށް އައި ފަތުރުވެރިން އެއަށް ވުރެ ގިނަ ކަން ފާހަގަ ކުރެވެއެވެ. ޖެނުއަރީ މަހު 172،499 ފަތުރުވެރިން އައިސްފައިވާ އިރު، ފެބްރުއަރީ މަހު ރާއްޖެއަށް ވަނީ 177،915 ފަތރުވެރިން އައިސްފައެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު ވެސް މާޗް މަހު އަންނަ ފަތުރުވެރިންގެ ނިސްބަތް ފުރަތަމަ ދެ މަހާ އަޅާ ބަލާއިރު ދަށެވެ. އޭގެ އަސްލެއް ކަމަށް ބެލެވެނީ ޖެނުއަރީ މަހަކީ އާއަހަރު ފާހަގަ ކުރުމަށް ފަތުރުވެރިން އަންނަ ދުވަސްވަރު ކަމާއި ފެބްރުއަރީ މަހަކީ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ފަތުރުވެރިން އާންމުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރަށް ވުމެވެ.

އިންނަހުރާ އަށް އަންނަ ގެސްޓުންނަށް މުވައްޒަފުން މަރުހަބާ ކިޔަނީ ---

މި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފާސްހިސާބަށް ބަލާ އިރު، އެންމެ ގިނަ ފަތރުރުވެރިން ޒިޔާރަތް ކުރި ދުވަހަކީ މި މަހުގެ 4 ވަނަ ދުވަހެވެ. އެ ދުވަހު 7381 ފަތުރުވެރިން އައިސްފައި ވެއެވެ. މިއަހަރު އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގެ މަތިން ރާއްޖެ އަށް އައި ދުވަހަކީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހެވެ. އެ ދުވަހު 8028 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

2021 ވަނަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ހިފި އަމާޒާ ހަމައަށް ވަނީ ވާސިލް ވެފައެވެ. ކޮވިޑް އައުމުގެ ކުރިއަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1.7 މިލިއަންއެވެ. ކޮވިޑުން އަރައިގަތުމަށް ފަހު ރާއްޖެ އިސްތިހާރުކޮށް މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތް ހާސިލް ކުރުމަށް ސަރުކާރުންނާއި، ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފުރަތަމަ ތިން މަސް ދިުވަހުގެ ތެރޭގާއި އަމާޒުގެ ގޮތުގައި ބުނެފައި 1.8 މިލިއަން ފަތުރުވެރިންގެ ތެރެއިން 28 ޕަސެންޓް ހާސިލް ވެފައިވާ އިރު ބާކީ އޮތް 9 މަސް ދުވަހުގެ ތެރޭގައި 72 ޕަސެންޓް ހާސިލް ކުރެވޭނެ ކަމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ބެލެވެއެވެ.