ސުހާއަށް ކުރެވެމުން ދިޔަ އިހުސާސްތަކާ ބަޔާން ކުރަ ދަތި ގޮތްތަކުން އޭނާގެ ނަފްސު ހަމައަކަށް އެޅޭތޯއެވެ. ޝިހާމްގެ ބައެއް ވާހަކަތައް ހިތަށް އެރުމުން ސުހާއަށް ބައެއް ފަހަރު ހެވެއެވެ. އެރޭ އިޝާ ނަމާދަށްފަހު ސުހާ ބޭރަކަށް ނުނިކުމެއެވެ. ޓީވީ ބަލާކަށް ވެސް ނޫޅެއެވެ. ރައްޓެހި ކުއްޖެއްގެ އަތުން ލިބުނު ވާހަކަފޮތެއް ހިފައިގެން ކޮޓަރީގައި އޮތީއެވެ.

ނަމަވެސް އިރުކޮޅެއްވެސް ނުވަނީސް ނިދިޖެހިއްޖެއެވެ. ވާހަކަ ކެޔޭނެ ގޮތެއް ނުވިއެވެ. ކައިރީގައި އތް ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ދެލޯ ފުހެލަމުން ސުހާ ފޯނު ނެގީ ކާކުތޯވެސް ބަލާނުލައެވެ. "ހަލޯ.." ސުހާ ފޯނު ކަންފަތުގައި ޖައްސާލިއެވެ. "ނިދަނީތަ؟" ޝިހާމް އަށް ވަރަށް ފަސޭހައިން ނިދަނީކަން އެނގިއްޖެއެވެ. އަޑަށް ވެރިވެފައިވާ ނިދީގެ އަސަރު އޭނާއަށް ފާހަގަކުރެވިއްޖެއެވެ. އެހެންކަމުން ސުހާ ގާތުގައި ނިދާލާށޭ ބުނެ ޝިހާމް ފޯނު ބޭއްވިއެވެ.

*********************

ހެނދުނުގެ ވަގުތެވެ. ފޯނު ހިފައިގެން ސުހާ އިނީ ސިޓިންރޫމުގައެވެ. އިރުކޮޅަކުން "ނަންނަ"އަށް ގުޅާލާ ހިތްވެއްޖެއެވެ. ޝިހާމް އާއި އޭނާގެ ރަހުމަތްތެރިކަން އެނގުނު ހިސާބުން ސުހާ އޭނާއަށް ގުޅަން ހުރީ ބޭނުންވެފައެވެ. ފުރަތަމަ ފަހަރު ގުޅުމުން ފޯނެއް ނުނަގައެވެ. ނަމަވެސް އިރުކޮޅަކުން އޭނާ ގުޅައިފިއެވެ. އިރުކޮޅަކު ވާހަކަދެއްކުމަށްފަހު ޝިހާމް ދަންނަންތޯ ނަންނަ ސުވާލުކުރިއެވެ. ސުހާއަށް ބުނާނެ އެއްޗެއް ނޭންގި ހުއްޓުން އެރިއެވެ. ޝިހާމްއާއި އޭނާއާ ތިބެނީ އެއްތާކު ކަމަށާއި ޝިހާމްގެ ކޮއްކޮވެސް އުޅޭ ވާހަކަ އޭނާ ބުންޏެވެ. " ރަށު މީހެއް ވިއްޔާ އެނގޭނެ ދޯ.." ސުހާގެ ޖަވާބުން ނަންނަ ހިނިގަނޑެއް ޖަހާލިއެވެ. "އަނެއްކާ ބިޓެއްތަ؟" އަނެއްކާވެސް އޭނާ ހިނިގަނޑެއް ޖަހާލިއެވެ.

އެއީ އޭނާގެ އާދައެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ކޮންމެވެސް ސަކަރާތެއް ޖެހޭތޯ އޭނާ ބަލާނެއެވެ. " ހޫމް... ދެން ސާބަހޭ" ސުހާ ހިނިގަނޑު ޖަހާލިއެވެ. އަދި ޝިހާމް އާއި ވަރަށް ރައްޓެހިތޯ ސުވާލުކުރިއެވެ. އޭނާއާއި ޝިހާމް އާ ކިޔެވީ އެއްކުލާހެއްގައި ކަމުގައާއި ވަރަށް ރައްޓެހިވާނެ ކަމުގައި ވެސް ނަންނަ ބުންޏެވެ. ނަންނަ އާ ވާހަކަދައްކަންޏާ ސީރިއަސް ވެފައި ވަރަށް ނުހުރެވޭނެއެވެ. ކޮންވެސް އެއްޗެކޭ ބުނެ ހެއްވާލާނެއެވެ. ފޯނު ބޭއްވިއިރުވެސް ސުހާގެ މޫނުމަތިން އެކަން ފާޅުވާން ހުއްޓެވެ.

****************

މިއަދަކީ ސުހާގެ ކޮއްކޮއެއް ހަތިމުކުރާ ދުވަހެވެ. އެހެން ކަމުން ފެންނަން އޮތީ ހަލަބޮލިކޮށެވެ. ސައި ތައްޔާރުކުރުމަށް ތިމާގެ ބައެއް މީހުން ހަރަކާތްތެރިވަމުންދެއެވެ. މިއަދަށްޓަކައި ސުހާ ފެހި މަޑު ފިޔާތޮށި ކުލައިގެ ހެދުމެކެވެ. އަދި ދަނބުކުލައިގެ ކދި މާތަކެއްގެ ޖެހި ކަލު ބުރުގާއެކެވެ. ކަކުލުން ތިރިއަށް ހުންނަވަރަށް ފެހިއެހެދުން ސުހާއަށް ވަރަށް ކަމުދެއެވެ. މިއަދު ރަށު ބޯޓު އަންނަކަން ސުހާއަށް އޮތީ އެނގިފައެވެ. އަދި އެބޯޓުން ޝިހާމްވެސް އަންނަކަން މީހުންގެ ވާހަކަތަކުން ސުހާގެ ކަންފަތާއި ހިސާބަށް ވެސް ވަނި ފޯރާފައެވެ. އެހެންކަމުން ސުހާއަށް ހުރެވެނީ އެކަމާ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ހުރިހާ ކަމެއްވެސް ނިންމާލެވުނީ ވަރަށް ހަމަޖެހިގެން ހުރެއެވެ.

ހުކުރު ދުވަސް ކަމުން އަވަހަށް ސައިދީ ނިންމާލެވޭތޯ ބަލަންޖެހެއެވެ. މަގިނަ އިރުތަކެއް ނުވެ ހަތިމުކޮށް ނިމިއްޖެއެވެ. އަދި ރަށުގެ އާދައިގެ މަތިން ބިލެއް ބަހާވެސް ނިމިއްޖެއެވެ. އެއާއެކު ސައިގެ ކަންތައްވެސް ފެށިގެންދިޔައެވެ. ސުހާގެ ގޭގެ ސިޓިންރޫމުގައި ސައިތައްޔާރުކޮށްފައި ހުރުމުން ގިނަ އަދަދެއްގެ ބަޔަކު އެތަނުގައި ތިއްބެވެ. 10 ޖެހިއިރު ސައިދީ ނިމުނެވެ.

ބޯޓު ލަފައިފިއޭ ކިޔާފައި ބައެއް މީހުން ރަށުގެ ދެކުނު ފަރާތު އަތިރި މައްޗަށް ދާތަން ފެނުމުން ސުހާވެސް ނުކުތީ ގެދޮރު މައްޗަށެވެ. އުނަގަނޑާ ހިސާބަށް ހުންނަ ވަށާ ފާރުގެ މަތިން އެލިފައިވާ ބޮޑު ސައިމާ ގަހުގައި މާތައް ފޮޅިފައި ހުއްޓެވެ. ޖަނބުރޯލު ގަހުގެ ހިޔަލުގައި ހުއްޓުނު އިރު ޝިހާމްގެ ކޮއްކޮ ސާދުނާ އެހިސާބާ އަރާ ހަމަވަނީއެވެ. "އޭ އާދޭ ސައިބޯން..." ސާދުނާ ފެނުމާއެކު ސުހާ ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ. އަދި މިގަޑީގައި ސައިނުބޮވޭނެ ބުނެ ގެއާ ދިމާއަށް ހިނގައިގަތެވެ. ކައިރީގައި ހުރި ސައިމާ ގަހާއި ކުޅެލަކުޅެލަ ހުރި ސުހާއަށް ކުއްލިއަކަށް މަގުމައްޗަށް ބަލާލެވުނީ މަންމަ ކޮންމެވެސް މީހެއްގެ ގާތުގައި ސައިބޯން އައުމަށް ބުނި އަޑު އިވުމުންނެވެ.

އޭރު ދަބަސް ކޮނޑުގައި އަޅުވާލައިގެން ހިނިއައިސް ފައި ޝިހާމު ދެއެވެ. އެހެން ފިރިހެން ކުދިންތަކެއް ވެސް ތިބުމުން އެނާ މަޑުނުކޮށް ދިޔައެވެ. ނަމަވެސް އިރުކޮޅެއް ފަހުން ޝިހާމް ވެސް ސައިގައި ބައިވެރިވިއެވެ.

****************

ހަވީރުވެގެން އައިއިރު ސުހާ ހުރީ ވަރަށް ބޮޑަށް ވަރުމަލިވެފައެވެ. އެހެންކަމުން ފެންވަރާ ރީތިވެލައިގެން ސިޓިންރޫމުގައި އިން ގޮނޑީގައި ސުހާ އިނީ ލަވަ ސީޑީއެއް އަޅުވައިގެންނެވެ. ފިލްމު ނާއުންމީދުގެ "އޯހާވީ ހިތަކުން އެދުނީމޭ އުފަލުން..." ލަވަ އަންނަމުން ދިޔައެވެ. ކައިރީގައި އޮތް ފޯނު ރިންގުވާން ފެށީވެސް ހަމައެވަގުތުއެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަނީ ޝިހާމްއެވެ. "ހަލޯ..." ސުހާ ހަމަޖެހިލިއެވެ. " ކީއްކުރަނީ؟ ކޮންތާކު ތިއުޅެނީ؟ ހަވީރު ގަޑީގައި ބޭރަށް ވެސް ނުނިކުންނަންތަ؟.. ފެނިދާނެތީ ފިލާދޯ ތިއޮންނަނީ.." އެތައް ސުވާލެއް އެއްފަހަރާ ޝިހާމް ކޮށްލިއެވެ. ސުހާއަށް ހިނިތުންވެލިއެވެ. އަދި ނުފިލަން ކަމަށާއި ޓީވީ ބަލަން އޮތީ ކަމަށް ސުހާ ރަކިގޮތަކަށް ބުންޏެވެ. " ދެން ހަވީރު ހިނގާލަން ވެސް ނުދަންތަ؟ ތިގެ ވަށައިގެން މިހާރު ބުރުޖެހުނު އަދެދެއްވެސް ނޭންގޭ، އެކަމު ނުފެނުނު.. ކޮންތާކަށް ފިލާތަ ތިއޮންނަނީ؟' ޝިހާމް ބުންޏެވެ.

އެހެން ދުވަސް ދުވަހާއި ހިލާފަށް ޝިހާމް ހުރީ ވަރަށް ހަމަޖެހިފައެވެ. ވަރަށް މަޖާވެފައެވެ. ސުހާއަށް ހިނިއާދެވުނީ ބޭއިހުތިޔާރުގައެވެ. " ކިއްކުރަން މިގެ ވަށައިގެން ތި ދުއްވަނީ..؟ ސުހާ މަޑުމަޑުން އަހާލިއެވެ. " ޝާހިންގެ ސައިކަލް ލިބުނީމަ ޒަލީފް އާ ދެމީހުން ހަމަ ދުއްވަނީ.. ތިގޭ ދޮރުމަތިން ދާ ކޮންމެ ފަހަރަކު ވެސް ވަރަށް ބަލަން" ޝިހާމް ވާހަކަދެއްކީ ސައިކަލް މަތީ އިނދެގެންނެވެ. އިރުކޮޅަކުން ޒަލީފް އެބަ އާދޭ ކިޔާފައި ޝިހާމް އަވަހަށް ފޯނު ބޭއްވިއެވެ.

(ނުނިމޭ)