ރޯދަ މަހު ކުޑަގިރި ޕިކްނިކް އައިލެންޑް އަށް ދާ ފަރާތްތަކަށް ހާއްސަކޮށް ރޯދަ ވީއްލުމަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.
ރޯދަ ވީއްލުމަށް ހާއްސަ ޕެކޭޖް ތަކަކާއެކު ކުޑަގިރި ޕިންނިކް އައިލެންޑަށް މި ރޯދަ މަހު ދިއުމާއި އައުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވެސް ކުޑަގިރިއަށް ދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ފެރީ ހަމަޖެހިފައި އޮންނަ ގަޑިތަކަށް ބަލާ އިރު، ހަފްތާ ބަންދުގައި މެންދުރު ފަހު 2:15 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު، 5 ފެރީ ދަތުރު މާލެއިން ކުޑަގިރިއަށް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަގިރިން މާލެއަށް އައުމަށް ރޭގަނޑު 7:30 އިން 10:45 އާ ދެމެދު ފެރީ ދަތުރުތައް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އާދިއްތަ ދުވަސް ފިޔަވާ ހަފްތާގެ އެހެން ދުވަސްތަކުގައި މާލެއިން ކުޑަގިރިއަށް ދާ ފެރީ އޮންނާނީ މެންދުރު ފަހު 2:15 އިން ރޭގަނޑު 7:30 އާ ދެމެދުގެ ވަގުތުތަކުގައެވެ. އަދި ކުޑަގިރިން މާލެއަށް އެނބުރި އަންނަ ފެރީ އޮންނާނީ ރޭގަނޑު 7:30 އިން 10:45 އާއި ދެމެދުއެވެ.
ކުޑަގިރިން ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ރޯދަ ވީއްލުމުގެ މެނޫތަކުގެ ތަފްސީލް ވެސް އާންމު ކޮށްފައިވާ އިރު، އެ ޕެކޭގްތަކުގެ އަގަކީ 450 ރުފިޔާއެވެ. މި ޕެކޭޖްގެ އަގު ހަމަޖައްސާފައި ވަނީ ޓްރާންސްފާގެ އަގާއި ޖީއެސްޓީ ވެސް ހިމަނައިގެން ކަމަށް އެ ފަރާތުން ބުނެއެވެ.