ސްރީލަންކަން އެއާލައިންއިން އައްޑޫސިޓީ ގަމަށް ފުރަތަމަ ފަހަރަށް ރިކޯޑް އަދަދަކަށް މުދާ އެތެރެކޮށްފިއެވެ.

4.4 ޓަނުގެ މުދާ އިއްޔެ އެތެރެކޮށްފައި ވާއިރު އެކަމާ ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އިއްޔެ އަކީ ސްރީލަންކަން އިން ގަމަށް އެންމެ ގިނަ މުދާ ގެނައި ދުވަސް ކަމަށެވެ.

އެގޮތުން އެ އަދަދަށް އައްޑޫއަށް މުދާއެތެރެކޮށްފައިވަނީ އިއްޔެ 80 ފަސެންޖަރުންނާ އެކު ސްރީލަންކަން އެއާލައިންގެ A320 މަތިންދާ ބޯޓުގައި ކަމަށްވެސް ފިރާގު ވަނީ ފާހަގަ ކުރައްވާފައެވެ.

އެ އެއާލައިންގެ ދަތުރުތައް ކުރަމުން އަންނަނީ އައްޑޫ ސިޓީ ގަމާއި ލަންކާގެ ކޮލަމްބޯއާ ދެމެދު ކަމަށް ވާއިރު ސްރީލަންކަން އެއާލައިންއަކީ އައްޑޫއަށް ދަތުރުތައް ކުރަމުން އަންނަ ހަމައެކަނި ބައިނަލްއަގުވާމީ އެއާލައިންއެވެ. އެހެންނަމަވެސް ފްލައި ދުބާއީން އައްޑޫއަށް ފަށާ ދަތުރުތައް މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅަށް ފަށަން ވަނީ ތައްޔާރުވެފައެވެ.

ސްރީލަންކަން އިން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ގަމަށް ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ. އެގޮތުން ދަތުރުތައް ފެށިއިރު އެ އެއާލައިނުން ގަމަށް ބާއްވަމުން ދިޔައީ ހަފްތާއަކު ފްލައިޓެކެވެ. އައްޑޫ އާއި ލަންކާ ދެމެދު ކުރެވޭ ދަތުރުތަކަށް އާންމުންގެ ފަރާތުން ބޮޑު ޑިމާންޑެއް އޮންނައިރު ސްރީލަންކަންގެ ދަތުރުތައް ގަމަށް ކުރަނީ ކޮންމެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހަކުއެވެ.