މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސޭލްސްފޯސްގެ ސީއީއޯ، މާކް ބެނިއޯފް 'ޑިޖިޓަލް ޑިޓޮކްސް' އެއް ނެންގެވި ކަމުގެ ހަބަރު ފެތުރުނެވެ. މާކް ވަނީ ފްރާންސްގެ ޕޮލިނޭޝިއަން ރިސޯޓެއްގައި ޓެކްނޮލޮޖީއާ ނުލާ 10 ދުވަސް ހޭދަ ކުރައްވާފައެވެ.

މުވާސަލާތީ ވަސީލަތްތަކާ ދުރަށް ޖެހިލުމަކީ މަދު ބަޔަކަށް ހާސިލުކުރެވޭ ހުވަފެނެކެވެ. ހާއްސަކޮށް، މުވާސަލާތީ ވަސީލަތްތައް ކުރިއަރަމުން އަންނަ މި ޒަމާނުގައި ގިނަ ބަޔަކަށް އެއީ ކުރަން ނާދިރު ކަމެކެވެ.

ފުރިހަމަ 'ޑިޖިޓަލް ޑިޓޮކްސް' އެއް ކުރުމަށްޓަކައި 'ޝެލްވިން ޓެކްނޮލޮޖީ' ބޭނުން ވެއެވެ. އެއީ ސްކްރީންތަކާއި ސޯޝަލް މީޑިއާ އަދި ވީޑިއޯ ކޮންފަރެންސްތަކުން ބްރޭކެއް ނަގައިގެން އެތައް ދުވަހެއް ވަންދެން ހުރުމެވެ. މިކަމުގެ ބޭނުމަކީ ސްޓްރެސް ނުވަތަ އެންޒައިޓީ ކުޑަކުރުމާއި، ޖިސްމާނީ ދުނިޔެއާ އަލުން ގުޅުން ބަދަހިކުރުމެވެ.

2012 ވަނަ އަހަރު ސައިންސްވެރިން އެންމެ ފުރަތަމަ 'ޑިޖިޓަލް ޑިޓޮކްސް' މި ލަފުޒު ބޭނުންކުރި އިރު އެއީ ގޮންޖެހުމަކަށް ވިއެވެ. އެޕްލިކޭޝަންތަކާއި ސޯޝަލް މީޑިއާގެ އާދަޔާ ހިލާފު ވާޝަންތަކާ އެކުވެސް އޭރުވެސް ސްކްރީންތައް މުހިންމު ވިއެވެ.

މި ޒަމާނުގައި ޓެކްނޮލޮޖީއާ ވަކިނުކުރެވޭ ވަރަށް ވަނީ އެ ވަސީލަތްތަކާ އާންމުން ގުޅިފައެވެ. ފިހާރަތަކަށް ފޯނުން ފައިސާދައްކާ، ކޮމްޕިއުޓަރުތަކާއި ޓެބްލެޓްތައް ބޭނުން ކޮށް އެޕްތައް މެދުވެރިކޮށް ގުޅުން ބަދަހިކުރުމަކީ މިހާރު އާދައެވެ. ހާއްސަކޮށް ކޮވިޑް-19 ޕެންޑަމިކަށް ފަހު، އަހަރެމެންގެ ދިރިއުޅުން، މުވާސަލާތީ ވަސީލަތްތަކާ އޮތް ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ބަޔަކު މީހުން މޮބައިލް ފޯން ބޭނުން ކުރަނީ

2023 ވަނަ އަހަރު ޑިޖިޓަލް ޑިޓޮކްސް އެއް

ތަޖުރިބާކާރުން ބުނަނީ ޑިޖިޓަލް ޑިޓޮކްސް އެއް ހެދުމަކީ ގިނަ ބަޔަކަށް މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސްކްރީން ޓައިމް މެނޭޖްމަންޓްގެ ދާއިރާއިން ހާއްސަވެފައިވާ ސިއެޓަލްގެ ކޮންސަލްޓަންޓް އެމިލީ ޗެކްރިން ބުނީ ޓެކްނޮލޮޖީ ވަނީ އަހަރެމެންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި، ހަފްތާއެއް ވަންދެން ވިޔަސް ފޯނު ބޭނުން ނުކޮށް އުޅޭ ނަމަ، އަމިއްލަ ނަފްސު ނާކާމިޔާބީ އަށް ހުށަހެޅޭ ކަމަށެވެ.

"ޓެކްނޮލޮޖީއަކީ މިހާރު އަހަރެމެންނާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. އެޕްލިކޭޝަން ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރަނީ. ރެސްޓޯރަންޓުތަކުގެ މެނޫތައް ކިޔަނީ ފޯނުން. ކަސްރަތުކޮށް ހަދަނީ ސްކްރީނެއް މެދުވެރިކޮށް އިންސްޓްރަކްޓަރަށް ބަލައިގެން."
އެމިލީ

ޓެކްނޮލޮޖީއަށް މީހުން ބަރޯސާވާ މިންވަރު އިތުރުވަމުން ދާއިރު، ޑިޖިޓަލް ޑިޓޮކްސްއެއް ކުރުމަކީ އެކަށީގެންވާ އަމާޒެއް ކަމަކަށް މިހާރަކު ނުފެނެއެވެ. ނަމަވެސް، ޓެކްނޮލޮޖީއާ މުޅިން ދުރަށް ދިއުމުގެ ބަދަލުގައި، އެކަމަށް ދެވިހިފާފައި ހުންނަ މިންވަރު މަދުކުރުމަށް ކުރެވޭނެ ކަންތައްތައް ހުންނާނެއެވެ.

މީހުން އެމީހުންގެ ޓެކްނޮލޮޖީ ވަސީލަތްތަކުގައި ހޭދަކުރާ ވަގުތުތައް ޕެންޑެމިކްގެ ސަބަބުން އިތުރަށް ގިނަވެގެން ދިޔައެވެ. ހާއްސަކޮށް ގުޅުން ބަދަހިކުރުމަށްޓަކައި، ސްކްރީންތައް މެދުވެރިކޮށް ހޭދަކުރާ ވަގުތު މާ ބޮޑަށް އިތުރުވެގެން ދިއައެވެ. ގެއިން ނުކުމެ، މުޖުތަމައުގެ ތެރޭގައި އުޅުމުގެ މިނިވަންކަން މިހާރު ލިބިފައި އޮތް ނަމަވެސް، ކުރީގެ އެ އާދަތަކަކަށް ނިމުމެއް ނާދެއެވެ.

ޔުނިވާސިޓީ އޮފް ލީޑްސް އިން 2022 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގެ ބޮޑެތި މީހުންގެ ތެރެއިން 54 ޕަސެންޓް މީހުން މިހާރު ސްކްރީން ބޭނުން ކުރަނީ، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ސްކްރީން ބޭނުންކުރާ މިންވަރަށް ވުރެ ގިނައިންނެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދުވާލަކު 11 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިން ސްކްރީންތަކަށް ބަލައެވެ. އަދި 27 ޕަސެންޓް މީހުން ވަނީ މަސައްކަތް ކުރުމުގައި ސްކްރީން ބޭނުން ކުރުން އިތުރު ކޮށްފައެވެ.

މީހަކު މޮބައިލް ފޯނާ ދުރަށް ދާން މަސައްކަތް ކުރާތަން ދައްކުވައިދޭ މަންޒަރެއް

ސްކްރީން ޓައިމް އިތުރުވުމުގެ ސަބަބުން އެކަކު އަނެކަކާ ގުޅުން ބަދަހިކުރާ ގޮތްވެސް ވަނީ ބަދަލު ވެފައެވެ. މިސާލަކަށް އާއިލާގެ މީހުން އެކުގައި ކެއުމުގެ ބަދަލުގައި ވައިބާ ގްރޫޕްތަކުގައި ވީޑިއޯ ކޯލެއް ކޮށްލަމުން ނިންމާލަނީއެވެ. ކޮވިޑް 19 ގެ ސަބަބުން ގިނަ ގުޅުންތަކެއް ޑިޖިޓަލް ދާއިރާއަށް ވަންނަން މަޖުބޫރުވި އިރު، އޭގެ ތެރެއިން ގިނަ ގުޅުންތައް އަދިވެސް މި ޓެކް މާހައުލުތަކުގައި، ގްރޫޕް ޗެޓާއި ވީޑިއޯ ފަދަ ތަންތަނުގައި އެބަހުއްޓެވެ.

ލިޔުންތެރިޔާ ކްރިސް ޑެންސީ ބުނީ ގިނަ ކުދިންނާއި ގިނަ މައިންބަފައިންނަށް އަދި ގިނަ ބައިވެރިންނާއި ގިނަ ރަހުމަތްތެރިންނަށް ޓެކްނޮލޮޖީއާ ނުލާ ގުޅުންތައް ބަދަހިކުރާނެ ގޮތް އެމީހުން ހަނދާން ނައްތާލައިފާ ވާކަމަށެވެ.

ނަޒަރިއްޔާތަށް އައި ބަދަލެއް

ހައިބްރިޑް މަސައްކަތާއި ހައިބްރިޑް ގުޅުންތަކަށް އެއްކޮށް ބަދަލުވުމުގެ ސަބަބުން ޑިޖިޓަލް ޑިޓޮކްސް ކުރުމުގެ އާދަޔާ ހިލާފު ވިސްނުމަކީ މުސްކުޅި ވިސްނުމެއް ނޫން ނަމަވެސް، ގާތްގަނޑަކަށް ނާދިރު ކަމެކެވެ. ޑިޖިޓަލް ޑިޓޮކްސް އަކީ އެންޒައިޓީ އާ ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރެވޭ އިރު، ސްކްރީންތަކާ މީހާ ދުރުކޮށް، ވަށައިގެންވާ މާހައުލާ މީހާ ގުޅުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ނަމަވެސް މީހުންގެ ދިރިއުޅުމާއި ސްކްރީންތަކަކީ ކުރިއަށް ވުރެ ބޮޑަށް ނުފޫޒު ފޯރުވޭ ވަރުގެ އެއްޗެއް ކަމުން، މިގޮތަށް ސްކްރީންތަކާއި ދުރުވެ، ހާސިލުކުރަން އެދޭ މަގުސަދު ހާސިލު ނުކުރެވިއްޖެ ނަމަ، މީހާ އިތުރު ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓިދާނެއެވެ.

އިނގިރޭސިވިލާތުގެ ޓީސްސައިޑް ޔުނިވާސިޓީގެ ޑިޖިޓަލް އެންޓަޕްރައިޒްގެ ސީނިއާ ލެކްޗަރާ ސީނާ ޖޮނައިޑީ ބުނީ އޭނާއަކީ ޓެކްނޮލޮޖީ މުޅިން ހުއްޓާލުމުގެ ބަދަލުގައި އެކަމުން ފައިދާ ލިބޭގޮތަށް އޭގެ ބޭނުން ކުރާ މީހެއް ކަމަށެވެ.

"ޓެކްނޮލޮޖީގެ ބޭނުން ކުރުމަކީ ބޭނުމެއް އޮތް ކަމެއްތޯ ޔަގީން ކުރަން. އެއްކޮށް ޑިޓޮކްސް ކުރުމުގެ ބަދަލުގައި 'ޑިޖިޓަލް މައިންޑްފުލްނެސް' އިން މީހުންނަށް މާ ފައިދާ ކޮށްފާނެ. ޓެކްނޮލޮޖީ މުޅިން ކަނޑާލުމާ މެދު ކަންބޮޑުވުން ކުޑަވެ، އޭގެ ބޭނުން ވިސްނުންތެރިކަމާއެކު ހިފާ ދިރުއުޅުމަށް ސަމާލުކަންދިނުމުން ޑިވައިސްއަކާ ގުޅިފައިވާ ކަމުގެ އިހުސާސް ކުރުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުން ކުރިއެރުވޭނެ."
ސީނާ ޖޮނައިޑީ

ސްކްރީންތަކުން މުޅިން ދުރަށް ނުދެނުނު ކަމުގައި ވިޔަސް، ޓެކްނޮލޮޖީ ބޭނުންކުރާ ވަކި ވައްޓަފާޅިތަކަށް ސަމާލުކަން ދިނުމަކީ ޓެކްނޮލޮޖީ އިތުރަށް ވިސްނުންތެރިކަމާ އެކު ބޭނުންކުރުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އޮރެގޮންގެ އެންތޮރަޕޮލޮޖިސްޓް އެމްބަ ކޭސް ބުނި ގޮތުގައި އޭނާ ވަނީ ފޯނުގައި ތަފާތު ޓްރެކިން ޓޫލްތައް ބޭނުންކުރަން ފަށާފައެވެ. ދުވާލަކު 80 ފަހަރަށް އިންސްޓަގްރާމަށް ވަންނަކަން އެނގުމުން އޭނާ ޑައުންލޯޑު ކުރީ، ފޯނުގައި ހުރި އެޕްލިކޭޝަންތައް ހުޅުވައި އެކްސެސް ކުރުމުގެ ކުރިން ފުން ނޭވާއެއް ލެވޭ ޕްލަގިން އެއް ކަމަށްވާ 'ވަން ސެކް' އެވެ. އޭގެ ސަބަބުން ލޮގިން ވުމުގެ ކުރިން ކުޑަ ވަގުތުކޮޅެއް ނަގަން މަޖުބޫރުވެ އޮޓޯޕައިލެޓް މޯޑުން ނެރުމަށް އެހީތެރިވެދޭ ކަމަށް އޭނާ ބުންޏެވެ.

އަދި ބްރޭކެއްގެ ގޮތުގައި ފޯނު ސްކްރޯލް ކުރުމުގެ އާދައިން ސަލާމަތް ވުމަށް ވެސް އެމްބަ އިރުޝާދު ދޭއިރު، ފޯނު ބޭނުން ނުވާ ހިނދެއްގައި އެހެން ތަނަކަށް ދޫކޮށްލުމަކީ އެހީތެރިވެ ދޭނެ ކަމެއް ކަމަށްވެސް އޭނަ ބުންޏެވެ. "ފޯނު ބޭނުންކޮށްގެން އަބަދު ފޫހި ފިލުވުމުގެ ބަދަލުގައި، ޖައްވަށް ބަލަހައްޓައިގެން އަރާމުކޮށް، އެންމެ މިނެޓަކަށް ނަމަވެސް މީހާ ހިތްހަމަ ޖެހިލަން ފުރުސަތެއް ދީ. އެއީ ކުރަން ފޫހި ކަމަކަށް ވާނަމަ ފޫހިވާން ވިޔަސް، އެއް މިނެޓަށް އެކަން ކޮށްލުން މުހިންމު". އޭނާ ބުންޏެވެ.

ހަފްތާއެއް ވަންދެން ފޯނާ ނުލައި އުޅެން މަސައްކަތް ކޮށްގެން އަމިއްލަ ނަފްސަށް އިތުރު ކަންބޮޑުވުމެއް އުފެއްދުމުގެ ބަދަލުގައި، އަމިއްލަ ދިރިއުޅުމަށް އެންމެ ރަނގަޅު ކަމަށް އިހުސާސް ކުރެވޭ ފަދަ ގޮތަކަށް ސްކްރީން ވަގުތުތައް ބަހާލެވިދާނެއެވެ. ޑިޖިޓަލް ޑިޓޮކްސް އެއް ކުރުމަށް ކޮންމެހެން ލަގްޒަރީ ރިސޯޓަކަށް ރިޓްރީޓަކަށް ދިއުމެއް ބޭނުމެއް ނުވެއެވެ.