ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ފަޅި ދޫކުރައްވައިި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަކިން ކެމްޕެއިން ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތައްޔާރުވެވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް ކެމްޕެއިން ކުރައްވަން ފެއްޓެވިކަން އިއުލާނުކުރައްވައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ:

  • އިންތިހާބާ ގުޅުންހުރި ކަންކަމުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާ ހަވާލުކޮށްފައިވާ ކަމަށް
  • އެ މެސެޖުގައި ގާސިމް ވަނީ ޕާޓީގެ ގުނަވަންތަކުން އަމީނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ

މިހާރު އޮތް ސަރުކާރު ކޯލިޝަނާ ވަކިން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ، ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި، ކޯލިޝަނެއްގެ ގޮތުގައި ދެމިއޮތުމަށް ރައީސް ދައުވަތު ދެއްވާފައި ވަނިކޮށެވެ. މި މަހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގައި ދެ ބޭފުޅުން ބައްދަލުކުރައްވާފައިވާއިރު، ބެލެވޭ ގޮތުގައި ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުންނެވެ.

ނަމަވެސް އޭގެ ފަހުން މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ނިންމީ އެ ޕާޓީގެ ތެރެއިން ކެންޑިޑޭޓެއް ނެރެ، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް އިންތިހާބުކުރުމަށްޓަކައި މި މަހުގެ ނިޔަލަށް ނަން ދިނުމަށް ހުޅުވާލާފައިވީ ނަމަވެސް، ބެލެވޭ ގޮތުގައި އެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ދެއްވާނީ ގާސިމް އެކަންޏެވެ.