ރޯދަ ވީއްލާ ވަގުތަށް ބަހުގެ ހިދުމަތް މެދު ކަނޑާލުމަށް ފަހު، މަޖީދީ މަގުގައި ބަހުގެ ހިދުމަތް ރޭގަނޑު ފަށާނީ ތަރާވީސް ނަމާދު ނިމުމުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިގޮތަށް ވިދާޅުވެފައި މިވަނީ ރޯދަމަހުގެ ބަސް ދަތުރުގެ ތާވަލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ދާތީއެވެ. އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރާވީސް ނަމާދު ނިމުމުގެ ކުރިން މަޖީދީ މަގުގައި ބަސް ދަތުރު ކުރުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ވެސް އާޒިމް ވިދާޅުވީ، މަޖީދީ މަގުގައި ހުންނަ ތިން މިސްކިތެއްގައި އިޝާއަށް ފަހު ތަރާވީސް ކުރާ ގަޑި އަކީ ބާރު ބޮޑު ގަޑިއަކަށް ވުމުންންނާއި އެގަޑީގައި މަޖީދީ މަގު ބަންދުވެފައި އޮންނާތީ އެގަޑީގައި ބަސް ދުއްވަން ހުއްދަ ނެތް ކަމަށެވެ. އެހެންކަމުން މަޖީދީ މަގު ރޫޓްގެ ދަތުރުތަށް ރޭގަނޑު ފެށުމަށް ހަމަޖެހިފައި ވަނީ 21:00 ގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެއަށްފަހު ކޮންމެ 10 މިނެޓަކުން ބަސް ދަތުރުތައް ކުރަމުން ދާނެއެވެ. އަދި ރޯދަ މަހު ބަސް ދަތުރުތައް ނިންމުމަށް ހަމަޖެހިފައި ވަނީ ދަންވަރު 00:15 ގައެވެ.

މާލެ އާ ހިލާފަށް ހުޅުމާލޭގައި، ރޯދަ ވީއްލާ ވަގުތަށް ބަހުގެ ހިދުމަތް މެދު ކަނޑާލުމަށް ހަމަޖެހިފައި ވަނީ ދޮޅު ގަޑި އިރަށެވެ. އެގޮތުން 17:30 ގައި ބަހުގެ ހިދުމަތް މެދުކަނޑާލުމަށް ފަހު 19:00 ގައި ބަހުގެ ހިދުމަތް އަލުން ފަށާނެއެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް ލިންކްގައި ހިމެނޭ އެމްޓީސީގެ ބަހުގެ ހިދުމަތަކީ ގިނަބަޔަކު ބޭނުން ކުރާ ފަސޭހަ ހިދުމަތަކަށް ވެފައި ވީ ނަމަވެސް މަގުތަކުގައި ދުއްވާ ވެހިކަލްަތއް ގިނަ ވުމުގެ ސަބަބުން ބަހަށް ހުރަސް އެޅޭ މައްސަލަ އަކީ އަދިވެސް ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ.