އެކި މީހުން ދިރިއުޅުމަށް އެކި މަސައްކަތް ކުރާ ފަދައިން އެކި މީހުން މަސައްކަތް ކުރަނީ ވެސް އެކި ގޮތަށެެވެ. އެއްބަޔަކު 1 ޑިއުޓީ އަދާ ކުރާ އިރު އަނެއްބަޔަކު ޝިފްޓް ޑިއުޓީ ކުރެއެވެ.

ޔޯކް ޔުނިވާސިޓީގެ ސައިންސްވެރިން އިސްނަގައިގެން ދާދި ފަހުން ކުރި ދިރާސާއަކުން ހާމަވިގޮތުގައި، ކެނަޑާގެ މެދު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މުވައްޒަފުންގެ މެދުގައި ޝިފްޓް ޑިއުޓީ މަސައްކަތާއި ބަލިކަށިކަމާ ގުޅުން ހުރިކަން އެނގުނެވެ. ޝިފްޓް ވަޒީފާ އަދާކުރާ މީހުން ތަޖުރިބާކުރާ ސާކެޑިއަން ރިދަމްތަކަށް އަންނަ ހުރަސްތަކަކީ ތަފާތު ބަލިތަކާ ގުޅިފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް މީގެ ކުރިން ގިނަ ދިރާސާތަކެއް ކުރެވިފައި ހުރި ނަމަވެސް، މި ދިރާސާ އަކީ ޝިފްޓް މަސައްކަތާއި އިންސާނާގެ ބަލިކަށިކަމާ އޮތް ގުޅުމާ މެދު އެންމެ ފުރަތަމަ ފުޅާ ދާއިރާއެއްގައި، ނުވަތަ 'ހޯލިސްޓިކް' ނަޒަރަކުން ބެލި ދިރާސާއެވެ.

ޔޯކް ސެންޓާ ފޮ އޭޖިން އެންޑް ރިސާޗް އެންޑް އެޑިއުކޭޝަންގެ ޓްރެއިނީއެއް ކަމަށްވާ، ޔޯކް ފެކަލްޓީ އޮފް ހެލްތު ޕީއެޗްޑީ ދަރިވަރު ދުރްދާނާ ހާން މި ދިރާސާއާ ގުޅޭ ގޮތުން ބުނީ ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި ސްޓްރޯކާއި ބައެއް ކެންސަރު ފަދަ ބަލިތަކަކީ ޝިފްޓް މަސައްކަތުގެ ސަބަބުން މީހާ ބަލިކަށިވުމާ ގުޅިފައި ހުރި ބަލިތައް ކަމުން، އެކަންތައްތަކަކީ އިހުމާލުނުވެ ދޫކޮށްލާ ވަރު ކަންތައްތައް ނޫން ކަމަށެވެ. އަދި މި ދިރާސާއަކީ މި މައުޟޫއަށް ތަފްސީލީ ގޮތަށް ބަލާފައިވާ ފުރަތަމަ ދިރާސާކަމަށް އޭނާ ބުންޏެވެ.

ޖާނަލް އޮފް އޮކިއުޕޭޝަނަލް އެންޑް އެންވަޔަރަމެންޓަލް މެޑިސިންގެ މެއި އެޑިޝަންގައި ޝާއިއުކުރުމަށް ހަމަޖެހިފައިވާ މި ދިރާސާއަށް ޔޯކްގެ ޕްރޮފެސަރުން ކަމަށްވާ ހީދަރ އެޖެލް، ހާލާ ތަމީމް އަދި މައިކަލް ރޮޓޮންޑީ އާއި ހެލްތު ސައިންސަސް ނޯތު ރިސާޗް އިންސްޓިޓިއުޓްގެ އިމިއުނޮލޮޖިސްޓް އަދި އެޕިޑެމިއޮލޮޖިސްޓް ކްރިސް ވަރޝޫރު ވަނީ ކެނެޑާގެ އެކި ކަންކޮޅުތަކުގައި ތިބި 48،000 ބައިވެރިންނަށް 'ކެނެޑިއަން ލެންގިއުޑިނަލް ސްޓަޑީ އޮން އޭޖިން' އިން ބަލައި، ބަލިކަށިކަން ދެނެގަތުމަށް ތިން އަހަރުގެ މުއްދަތަށް ދިރާސާ ކުރިއަށް ގެންގޮސްފައެވެ.

މި ދިރާސާއިން ހާމަވިގޮތުގައި ކެނެޑާގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ޝިފްޓް ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި މަސައްކަތް ކުރާ މީހުންނާ އަޅާބަލާއިރު ޝިފްޓް މަސައްކަތް ކުރުމުގެ ތާރީހެއް އޮތް މީހުންނަށް ބަލިކަށިވުމުގެ ފުރުސަތު ބޮޑުކަމަށް މި ދިރާސާއިން ދައްކައެވެ. އަދި ކޮންމެ ހަތަރު މީހަކުން އެކަކަށް ވުރެ ގިނަ މީހުންނަކީ އާދަޔާ ހިލާފަށް ބަލިކަށި މީހުން ކަމަށާއި 7 ޕަސެންޓް މީހުންނަކީ ވަރަށް ބަލިކަށި މީހުން ކަމަށެވެ. އެންމެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރާ އަންހެނުންނަކީ ރޯޓޭޓިން ޝިފްޓްގެ މަސައްކަތުގައި ހިމެނޭ އަންހެނުން ކަމަށް ބެލެވޭއިރު، 31 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ މައިލްޑްލީ ފްރެއިލް ކެޓަގަރީގައި ހިމެނޭ އަދި ގާތްގަނޑަކަށް 11 ޕަސެންޓް އަކީ ވަރަށް ބަލިކަށި ބައެއްގެ ގޮތުގައި ގިންތިކުރެވިފައިވާ އަންހެނުން ކަމަށް މި ދިރާސާއިން ހާމަވެގެން ދިޔައެވެ.

"މި ހޯދުންތަކަކީ އިބްތިދާއީ ހޯދުންތަކަކަށް ވީ ނަމަވެސް، އެ ހޯދުންތަކުން އެނގެނީ ސާކެޑިއަން ޑިސްފެކްޝަނަކީ ބަލިކަށިވުމުގައި މުހިންމު ދައުރެއް އަދާކޮށްފާނެ ކަމެއް ކަމަށާއި، މިއީ އިތުރަށް ދިރާސާކުރަން ޖެހޭ ކަމެއްކަން" ދުރްދާނާ ބުންޏެވެ.

ދިވެހިރާއްޖެއަށް ބަލާލާއިރު، ސިއްހީ ދާއިރާއަކީ ވަޒީފާގެ ގޮތުން އެންމެ ފުޅާ އެއް ދާއިރާއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން، ނަރުހުންނަށް އެކަނި ނަޒަރު ހިންގާލިޔަސް، އެ މަސައްކަތުގައި ގިނައީ އަންހެނުންނެވެ. އަދި މަސައްކަތުގެ ޒާތުން، ވަޒީފާ އަދާކުރަން ޖެހެނީ ޝިފްޓް ޑިއުޓީގައިކަން ފާހަގަ ކުރެވެއެވެ.

އަންހެނުން ބަލިކަށިވުމުގެ ފުރުސަތު ބޮޑު ނަމަވެސް، ޖުމްލަގޮތެއްގައި ސިއްހީ ދިރާސާތަކުން ދައްކާގޮތުން އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ބަލިތައް ތަހަންމަލު ކުރުމުގައި ވަރުގަދަ ބައެއް ކަމަށް ދުރްދާނާ ފާހަގަ ކުރިއެވެ. އެހެން ނަމަވެސް މިއީ ޖިންސީ ތަފާތަކަށް އިޝާރާތް ކުރާ ކަމެއް ކަމަށާއި، ގިނަ އަންހެނުން ހެނދުނު 9 އަކުން 5 ގެ ޝެޑިއުލުން ބޭރުން މަސައްކަތް ކުރާތީ ވިސްނަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ޝިފްޓް ޑިއުޓީތަކުގައި މަސައްކަތް ކުރުން މުޅިން ނުހުއްޓުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން އިންސާނާގެ ސިއްހަތަށް ދިމާވާ ބަލިތައް މަދުކޮށް، ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައް ހުންނާނެކަން ދުރްދާނާ ފާހަގަ ކުރިއެވެ.