މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާ، ފަންނީ ތަޖުރިބާކާރުންނާ އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރާއިސް ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި މި ފަދަ ދުވަހެއް ފާހަގަ ކުރަނީ، ސައިންސްގެ ރޮނގުން އަންހެނުންނާ، އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ކަމަށެވެ. އަދި އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުމުގެ ގޮތުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެތިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސްގެ މެސެޖުގައި ދެއްވާފައިވެއެވެ.

ސްކޮލާޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިން އަދި މެތަމެޓިކްސް، (ސްޓެމް)ގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތައުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒު، ނުވަތަ އެސްޑީޖީއަށް ވާސިލުވެވުމީ، ތައުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމުގައި ރައީސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ވޮކޭޝަނަލް ލެބްތަކާއި ކެރިއާ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ އަމާޒު ކަމުގައި ރައީސް ވިދާޅުވިއެވެ. ޑިޖިޓަލް އިގުތިސާދީ ބަދަލުތަކުގެ ބޭނުން ހިފައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހަދައި، ޑިޖިޓަލް އިގުތިސާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުން ކަމުގައި ވާއިރު، އަންހެނުންނަކީ މި އުއްމީދީ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ، ޓާގެޓެޑް އިނިޝިއޭޓިވްސް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކާއި، އިންކްލޫސިވް ޕޮލިސީ ނުވަތަ ޝާމިލު ސިޔާސަތުތަކުގެ ޒަރިއްޔާއިން ސިންދަފާތު ކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކޮށް، އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާއިއެކު އިސްވާރުންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާހައުލެއް ގާއިމުކުރުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މިއަދަކީ، ސައިންސްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކުރާ މަސައްކަތަކީ އިހުތިރާމް ލިބިފައިވާ، ހުރިހާ ގޮތަކުން ވެސް އަންހެނުން ބާރުވެރި ކުރުވުމަށް އިސްކަންދީ، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އަހުދު ކުރެވޭ ދުވަހެއްގެ ގޮތުގައި، ރައީސް ފާހަގަކުރައްވާފައިވެއެވެ.

ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.