ރޯދަމަހަކީ ވިޔަފާރިވެރިންނަށް ދެ އީދު އެއް ފަހަރާ ލައިގަންނަ މަހެވެ. ތަކެތީގެ އަގު އެއް ދުވަހުން އަނެއް ދުވަހަށް ތިރިކޮށް މަތިވުމުގައިވެސް ބޮޑު ރޯލެއް އަދާކުރާ ބަޔަކީވެސް އެއީއެވެ. ރޯދަމަހުގެ ތެރޭގައި ތަކެތީގެ އަގުތައް 300 ގުނަ އުފުލޭ އަހަރުތައް ވެސް އާދެއެވެ.

ރޯދަ މަސް ފެށުނު އިރު ބާޒާރު މާ ތިޔާގި ނުވިނަމަވެސް އެހެން އަހަރުތަކެކޭ އެއް ގޮތަށް ފުރަތަމަ ހަފްތާގެ ތެރޭގައި ބާޒާރު ތިޔާގިވާނެ ކަމަށް ވިޔަފާރިވެރިން ފާހަގަ ކުރެއެވެ.

މާރުކޭޓު / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

ލުނބޯގެ އަގަކީ އާދައިގެ މަތިން ކޮންމެ އަހަރަކުވެސް އަގު އުފުލޭ އެއްޗަކަށް ވާއިރު ލުނބޯގެ އަގު ތިރި ކުރުމަށްޓަކައި ބާޒާރުގައި 40 ރުފިޔާއަށް ހުރި ލުނބޯ ކިލޯއެއް 80 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިގެން ދިޔުމުން އެސްޓީއޯއިން ވަނީ ލުނބޯވެސް ގެނެސް 60 ރުފިޔާގެ މަގުން ވިއްކަން ފަށާފައެވެ. އެހެންނަމަވެސް މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި ލުނބޯގެ އަގު 60 ރުފިޔާއިން ފެށިގެން 95 ރުފިޔާއާ ދެމެދު އަގުތަކެއްގައި ހުރިއިރު ލޯކަލް މާރުކޭޓުގައިވެސް ލުނބޯގެ އަގު ހުރީ ހަމަ މިފަދަ ގޮތަކަށެވެ.

މާރުކޭޓު / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

މާރުކޭޓުތަކުން 25 ރުފިޔާއަށް ކިލޯގެ މަގުން ބަރަބޯ ވިއްކަމުން ދާއިރު ކަރާ ކިލޯއެއް ވިއްކަމުން ދަނީ 25 ރުފިޔާއާއި 35 ރުފިޔާއާ ދެމެދު އަގުތަކެއްގައެވެ. އަދި ކުރުނބާ 30 އާއި 40 އާ ދެމެދު އަގެއްގައި ވިއްކާއިރު ފަޅޯ ކިލޯއެއް ވިއްކަނީ 30 އާއި 50 ރުފިޔާއާ ދެމެދު އަގެއްގައެވެ.

100 އާއި 350 ރުފިޔާއާ ދެމެދު އަގެއްގައި މިރުސް ކިލޯއެއް ވިއްކަމުން ދާއިރު ކިއުކަންބާގެ އަގުތައް އުޅެނީ 40 އާއި 50 ރުފިޔާއާ ދެމެދުގައެވެ. އަދި ބަށި ކިލޯއެއް ލިބެން ހުރީ 70 ރުފިޔާއަށެވެ.

މާރުކޭޓު / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

ފެޝަން ފުރުޓް، އަނބު އަދި ދޮންކޭލުގެ އަގުތަކަށް ބަލާއިރު ފެޝަން ފުރުޓް ކިލޯ ދެނީ 85 ރުފިޔާ އަށެވެ. ދޮން އަނބު ކިލޯއެއް ހުރީ 100 އިން 120 އާ ދެމެދުގައެވެ.

ބޯޓަކަށް ފޮށިގަނޑުތަކެއް އަރުވަނީ / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

މިދުވަސްވަރަކީ ރަށްރަށާއި މާލެއިން ރަށްރަށަށް ގިނަ އަދަދެއްގެ މުދާ ގެންދާ ދުވަސްވަރަކަށް ވާއިރު ބާޒާރު މަތީގެ ޓްރެފިކް ވެސް ބޮޑުކަން ފާހަގަ ކުރެވެއެވެ.

ބާޒާރުމަތި/ ފޮޓޯ: ޢާއިޝަތު ނުހާ | ދަ ޕްރެސް

ރޯ ނުވަނީސް ކަމެއް ކުރަން ދަންނަ ބައެއް ނޫން ކަމަށް ގިނަ ބަޔަކު ސިފަކުރާ ދިވެހީން ކޮންމެ ކަމެއްވެސް އެންމެ ފަހު ވަގުތު ކުރަން މަޑުކުރާ ދިވެހިން މަދެއް ނޫނެވެ. ރަށް ރަށުން އާއިލާގެ މީހުނާއި ރައްޓެހިން ފޮނުވާ ހަދިޔާ ބަލާ ދިއުމާއި ރަށްރަށަށް ފޮނުވާ ފޮށިގަނޑުތައް ފޮނުވަން ގޮސް ގިނަ އަދަދެއްގެ ބަޔަކު ބާޒާރުމަތީގައި އުޅެއެވެ.