ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަކީ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް ހާރު ކެއުމުގެ ވަގުތާ ގުޅިގެން މިހާރުވެސް ބަޔަކު ހިޔާލު ތަފާތުވާއިރު ރޯދަ ހިފާ މުސްލިމުން ހަނދާނުގައި ބަހައްޓަންވީ ކަމަކީ ރޯދަވެރިޔާއަށް ފަތިސްވާންދެން ކެއުމާއި ބުއިމަށް ﷲ ހުއްދަކުރައްވާފައި ވާކަމެވެ.
މާތްﷲ ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މުރާދަކީ، ފަތިހުގެ ކަޅު ދަނޑިން ތިބާއަށް ހުދު ތެޔޮ ވަކިވާންދެން ކައި ބޮއެ އުޅެވޭނެ ކަމެވެ. އެހެން ނަމަވެސް ރޯދައަށް ހުންނަ މީހާ ފަތިހުގެ ދެތިން މިނެޓް ކުރިން ކެއުން ބުއިން ހުއްޓާލުމަކީ އިސްކަންދޭންވީ ކަމަކެވެ.
ހާރު ކެއުން ހުއްޓާލަންވީ ވަގުތާ ގުޅޭގޮތުން ކެނެޑާގެ އޮންޓޭރިއޯގެ އިސްލާމިކް އިންސްޓިޓިއުޓް އޮފް ޓޮރޮންޓޯގެ ސީނިއާ ލެކްޗަރާ އަދި އިސްލާމީ އިލްމުވެރިޔާ ޝެއިހް އަހުމަދު ކުއްޓީ ވިދާޅުވެފައި ވަނީ ހާރުކެއުން ހުއްޓާލުމަށް ދެ ވަގުތެއްވާ ކަމަށާއި އެއީ އިސްކަންދޭ ވަގުތަކާއި ހުއްދަ ވަގުތެކެވެ. ކެއުން ހުއްޓާލުމަށް އިސްކަންދޭ ވަގުތަކީ ފަޖުރު ގަޑިއަށް 10 މިނެޓް ކުރިއެވެ.
ހާރުކެއުން ވީހާވެސް ލަސްކޮށް ފަތިސްނަމާދު ވަގުތު ކައިރިވުމުން ހާރުކެއުމަކީވެސް ރަސޫލު މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ ސުންނަތުގެ ތެރެއިންވާ ކަމަކަށް ވާއިރު އެކަލޭގެފާނުގެ އަރިހުން ޒައިދު ބިން ސާބިތު ރަޟިޔަﷲ އަންހު ގެ އަރިހުން އަނަސް ރަޟިޔަﷲ އަންހު ރިވާކުރައްވާފައި ވަނީ، ތިމަން ބޭކަލުން ރަސޫލާ އަރިހުގައި ހާރު ފަރީއްކުޅުއްވި ކަމަށެވެ. އެއަށްފަހު ރަސޫލާ ނަމާދަށް ތެދުވެވަޑައިގަތް ކަމަށާއި ހާރުކެއުމާއި ބަންގިއާ ދެމެދު ވަނީ ކިހާވަގުތެއްތޯ ޒައިދު ރަޟިޔަﷲ އަންހުގެ އަރިހުން އެއްސެވީމައި ވިދާޅުވެފައި ވަނީ ޤުރުއާނުގެ 50 އާޔަތް ކިޔޭނެ ވަގުތެވެ. އަދި ލަފާކުރެވޭ ގޮތުގައި 50 އާޔަތް ކިޔެވުމަށް ހޭދަވާނެ ވަގުތަކީ 10 މިނެޓެވެ.
ހާރުކެއުން ލިބޭ ފައިދާ:
- ބަރަކާތް ލެއްވިގެންވުން
ރަސޫލު މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. “ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއް ވެއެވެ.”
އަދިވެސް ރަސޫލު މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. “ތިޔަބައިމީހުން ހާރުކެއުމުގެ މަތީގައި ދެމިތިބޭށެވެ. ފަހެ ހަމަކަށަވަރުން ބަރަކާތްތެރި ކެއުމަކީ އެއީއެވެ.”
2. ﷲ އާއި އެކަލާނގެ މަލާއިކަތުންގެ ސަލަވާތް ލެއްވުން
ރަސޫލު މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން ހާރުކާމީހުންގެ މައްޗަށް ސަލަވާތް ލައްވައެވެ.”
3. އަހުލުކިތާބީންނާ ހިލާފުވުން
ރަސޫލު މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. “އަހަރެމެންގެ ރޯދައާއި އަހުލުކިތާބީންގެ ރޯދައާ ދެމެދުގައިވާ ފަރަގަކީ ހާރު ކެއުމެވެ.”
ރަސޫލާގެ ހަދީސް ބަސްފުޅުތަކުން އެނގެން އޮތް ގޮތުގައި މުސްލިމުންގެ ރޯދައާއި ޔަހޫދީންނާއި ނަސާރާއިންގެ ރޯދައާ ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ. އަދި ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމަކަމަށް ވާއިރު އެކަން ދޫކޮށް ނުލުމަށްވެސް ނަބިއްޔާ ވަނީ އިރުޝާދު ދެއްވަވާފައެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. އަދި ހާރު ކެއުމަކީ ﷲ ގެ ރަހުމަތް އެކަމަށް ހުރި ކަމެއް ކަމަށާއި އަދި އެ އިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރާކަމަށް ވެސް މާތް ނަބިއްޔާގެ ބަސްފުޅުތަކުން އެނގެން އެބައޮތެވެ.
އެހެންކަމުން ސުންނަތާ އެއްގޮތަށް ހާރުކެއުމަށް އެންމެހާ ދިވްހިންނަށް އިލްތިމާސް ކުރަމެވެ.