ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ސްކޭމްއެއް ހިންގާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.
ބީއެމްއެލްއިން ބުނީ މި ހަފްތާގައި އެޗްޑީސީގެ ނަމުގައި ފޯނުކޯލު މެދުވެރިކޮށް އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް މަސައްކަތްކޮށް، އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާ ބޭންކަށް ލިބެމުންދާ ކަމަށެވެ. އެގޮތުން އެއް ކަސްޓަމަރެއްގެ އަތުން އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން 70،000 އަށްވުރެ ގިނަ އަދަދެއްގެ ރުފިޔާގެ މުއާމަލާތްކޮށްފައިވާކަމުގެ ޝަކުވާ ބޭންކަށް ލިބިފައިވާ ކަމަށެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން އަންނަ މިފަދަ ކަންކަމުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން ފޭސްބުކް ޕޭޖްތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާވެސް ބޭންކަށް ލިބޭކަން ފާހަގަކުރައްވާ، ކާކުކަން ނޭނގޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތް ނުކުރުމަށްވެސް މުހައްމަދު ސައީދު އިލްތިމާސްކުރެއްވިއެވެ.
މިދުވަސްވަރު ބީއެމްއެލްއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލައާއި ކާކުކަން ނޭގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހަމައެއާއެކު އޮންލައިން ޕޭޖުތަކުން މުދާގަންނަން ފައިސާ ދެއްކުމުން މުދާ ނުލިބި އަދި ފައިސާ ނުލިބޭކަމުގެ ޝަކުތައް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖޭގައި އީސިމްގެ ހިދުމަތް ބޭނުންކުރަމުންދާއިރު އޯޓީޕީ ބޭނުންކޮށްގެން އީސިމް އެކްޓިވޭޓްކޮށްލެވެއެވެ. އެހެން ކަމުން އީސިމް ނެގުން ފަދަ ހިދުމަތްތަކަށް ލިބޭ އޯޓީޕީ އެހެން ފަރާތަކާ ހިއްސާކޮށްފިނަމަ ސިމް އެހެން ފަރާތަކަށް ލިބި، އެކައުންޓުންކުރާ މުއާމަލާތްތަކަށް ފޮނުވާ އޯޓީޕީވެސް އެފަދަ ފަރާތްތަކަށް ލިބިގެންދާނެއެވެ.
އެކި ނަންނަމުގައި މީހުން ގުޅާ، ބީއެމްއެލް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ އެކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އެދެމުންނެވެ.