މިދިޔަ ހޯމަ ދުވަހުގެ ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ މޮޓޯކޭޑް އަށް ހުރަސްއެޅި މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.
އެންއައިސީއިން މިއަދު ބުނީ އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެމުން ގެންދާ ސެކިއުރިޓީގައި ފުލުހުންގެ ދައުރެއް އޮތްތޯ ބެލުމަށް ކޮމިޝަނުން އިސްނަގައިގެން ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއިން ބަލަން ފަށާފައި ވާއިރު އެ މައްސަލައާ ގުޅިގެން ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ އިބްރާހިމާއި ސިފައިންގެ އިތުރު ބަޔަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ރައީސްގެ މޮޓޯކޭޑް އަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކާއި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު ފުލުހުން ބުނީ އޭގެ ތެރެއިން އަންހެނަކާއި ފިރިހެނެއްގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އަދި އިތުރު ދެ ފިރިހެނުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
އިދިކޮޅުން ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.
މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލުމަށް ފަހު ދިޔައީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައި ވެއެވެ.
ސެކިއުރިޓީ ވަރުގަދަ ވީމާ ދިމާވާ ކަންތައް ފިނދަނައިންގެ މިނިސްޓަރާ ފަހަރި ށޭހު އެއްވެސް ކަމެއްގެ ޒިމްމާ ނެގުމެއް ނެއް އެކަކު އަންހެނަކައް ވީތީ ޕެޑުޖަހަިގެން ގޭގަ އަނެކަކު ފަހަރި ނަގާ ކޮނޑައްލެވޭތޯ ރައްޔިތުންނައް ހުރިހާ މުސީބާތެއް