މީގެ ހަގްތާ އެއް ކުރިން މާލޭން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު ގެއްލިގެން އާއިލާ އަށް ވީނުވީ ތަނެއް ނޭނގިގެން ހޯދަމުން ދިޔައީ އުމުރުން 46 އަހަރުގެ ހ. ކޯލީފްލާވާ / މާލެ، އަހްމަދު ނާޝިދެވެ. އޭނާ ގެއްލުނުތާ ހަފްތާ އެއް ވެފައިވަނިކޮށް، އާންމުންގެ އެހީ އަށް ފުލުހުން އެދި އިއުލާނުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ އިއުލާނުގައި ފުލުހުން ބުނީ، ވީނުވީއެއް ނޭނގި ނާޝިދު ގެއްލިގެން އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އެއީ އޭނާ ގެއްލުނުތާ ފަސްވަނަ އަށް ވީ ދުވަހެވެ.

ފުލުހުން ވަނީ ނާޝިދާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރާ (9911099) ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިފައެވެ.

ނަމަވެސް 3 ޖަހަން 10 މިނެޓަށް ވެފައި ވަނިކޮށް، ނާޝިދު ފެނިއްޖެ ކަމަށް ބުނެ، ފުލުހުން ވަނީ ޓްވީޓެއްކޮށްފައެވެ. އޭނާ ފެނުނީ މާލޭން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ.

މީހުން ގެއްލޭ މައްސަލައިގައި މީގެ ކުރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިދިޔަ މަހު މެދުތެރޭ ހުށަހެޅުއްވި އެ މައްސަލަ ތަޅުމުން ބޭރުކޮށްލުމުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފައެވެ.