ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމަށް އައްޔަނުކުރިތާ 24 ގަޑިއިރު ނުވަނީސް، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)، އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް އައްޔަނުކުރެވުނު ހަނަފީ ވަނީ އެ ޕާޓީން މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ޕާޓީގެ ނައިބު ލީޑަރު ކަމަށް ވާދަކުރައްވައި، އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފައެވެ.

ހަނަފީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމަށް ވާދަކުރެއްވި އިތުރު ތިން ބޭފުޅަކު ވެސް ވަނީ ގާސިމްގެ އެޑްވައިޒަރު ކަމަށް އިއްޔެ އައްޔަނުކޮށްފައެވެ. އެ ހަތަރު ބޭފުޅުން ގާސިމްގެ އެޑްވައިޒަރު ކަމަށް އައްޔަނުކުރަން ނިންމީ ޖުމްހޫރީ ޕާޓީގެ ކައުންސިލުންނެވެ. ހަނަފީގެ އިތުރުން އައްޔަނުކުރި ތިން ބޭފުޅުންނަކީ:

  • ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުﷲ
  • ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ
  • ޔަޝްފާ އަބްދުލްޣަނީ

ނަމަވެސް، މަގާމަށް އައްޔަނުކުރެވުނުތާ 24 ގަޑިއިރުނުވެ، ހަނަފީ ވަނީ މަގާމުން އިސްތިއުފާ ދެއްވައި، ޖުމްހޫޫރީ ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.

ގާސިމަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ހަނަފީ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގައި ގަބޫލުނުކުރެއްވޭ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އަށް އިހުލާސްތެރި މަސައްކަތްތަކެއްކަން ކުރެއްވިކަން ފާހަގަކުރައްވައި، ގާސިމްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މިކަމާ ގުޅިގެން ހަނަފީގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ހަނަފީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ ބެލެވޭ ގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް ނިންމުމުގެ ބަދަލުގައި ކުރިއަށް އޮތް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރުމަށް އެ ޕާޓީން ނިންމުމާ ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީން ނިންމި އެ ނިންމުމާ ގުޅިގެން، އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވެސް ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.