ބޮޑުދައިތު ގޭގައި ސުހާއަށް މާ ގިނައިރަކު ނީންދެވުނެވެ. ހިތް ނުތަނަވަސްވެ ހިތަށް ބިރުވެރިކަން ވަންނަން ފެށުމުން ސުހާ ގެއަށްދާން ތެދުވެއްޖެއެވެ. "ދަނީތަ، ހާދަ އަވަހަކަށް، އަދި އަނގަ ތަޅާލަން މަޑުކޮށްލަބަލަ" ސުހާ ތެދުވެގެން ދާން ފެށުމުން ނަސްމާއްތަ ފެހުން ހުއްޓާލާ ބުންޏެވެ. "ދެން ދަނީ، ދެން ބަންގި ވެސް ގިވާފާނެ ވިއްޔަ" ސުހާ ހިތުގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރަމުން ބުންޏެވެ.
ގެއާ ދިމާލަށް މިސްރާބު ޖަހާފައިވީ ނަމަވެސް ސުހާއަށް ވިސްނެނީ އެކަމާއެވެ. ހިތަށް އަރަމުންދިޔައީ ޝިހާމް ހަމަ އެހެން ބުނެފާނެ ބާއެވެ. އެކި ރަށްރަށުން ކިޔަވައިގެން އަންނައިރު އެތައް ބައިވަރު އަންހެން ކުދިންނާ ޝިހާމްއާ ދިމާވާނެ ތާއެވެ. އެއިން އެއްވެސް ރަށަކުން ޝިހާމްއަށް ކަމުދާ ކުއްޖަކު ނުފެނުނީބާއެވެ. މިރަށުގައި ވެސް ޝިހާމްއާ އެއް އުމުރެއްގެ ރަނގަޅު ކުދިން އެބަތިއްބެވެ. އޭނާ ވާހަކަ ދައްކާ ސަކަރާތް ޖަހާ ކުދިން އެބަތިއްބެވެ. ނަމަވެސް އަހަރެން...... ޝިހާމްއާ ގުޅެން މިއީ ކާކު ހެއްޔެވެ؟
**********************
އެރޭ އިޝާ ނަމާދުން ނިމުނިންސުރެން ސުހާ ހުރީ ފާޑަކަށް ހިތް ބިރުގަންފައެވެ. ހިތް ނުތަނަވަސްވެ ހާސްވެފައެވެ. އަމިއްލަ ފޯނެއް ނޯންނާތީ ގޭގައި ބައްޕަ ގެންގުޅޭ މޯބައިލް ފޯނަށް އިރުކޮޅަކާ ބަލާލެވެއެވެ. ގިނަ ވަގުތު އެފޯނު ގެންގުޅެނީވެސް ސުހާއެވެ. ސަބަބަކީ ބައްޕައަކީ ފޯނާ ވަރަށް ދުރު މީހަކަށް ވުމެވެ. ރައްޓެއްސަކައި ގުޅަން ނޫނީ ފޯނެއް ނުހޯދާނެއެވެ. ފޯނާ ކުޅެން ނޭންގޭތީ ކަމަށް ވެސް ވެދާނެއެވެ. ހާސްވެފައި ހުރި ވަރުން ރަނގަޅަށް ނުވެސް ކެވުނެވެ. ނަމަވެސް ކައި ނިމިގެން އައިސް ސިޓިން ރޫމުގައި އިނީ ފޯނު އަތަށް ލައިގެންނެވެ.
އަށެއްގެ ހަބަރު ގަޑިކަމުން ގޭ އެންމެން ވެސް ތިބީ ޓީވީ ބަލާށެވެ. ހަބަރު ބަލާށެވެ. ކުއްލިއަކަށް ސުހާގެ އަތުގައި އޮތް ފޯނު ވައިބްރޭޓު ވާން ފެށުމާއެކު ސުހާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ބަލާލުމަށްފަހު އަވަހަށް ތެދުވެގެން ގޭ ބޭރުގައި ހުރި އުނދޯއްޔަށް އަރާ ހަމަޖެހިލިއެވެ. އަދި ޖެހުލުންވެ އިނދެ ފޯނު ނަގާ، ކަންފަތުގައި ޖައްސާލިއެވެ. "ހަ....ހަ..ހަލޯ" ސުހާއަށް ބުނެވުނީ ވަރަށް އުނދަގުލުންނެވެ. "ތީ ކާކު" ނުދަންނަ ނަންބަރަކަށް ވުމުން ވާހަކަ ދައްކަނީ ކާކުކަމެއް ސުހާއަށް ނޭންގޭތީ އަހާލިއެވެ. "ހަލޯ" އެކޮޅުން ޖަވާބު ދިނެވެ. " މިރޭ ގުޅާނަމޭ ބުނީމޭންނު... ނުބުނޭތަ؟" އެކޮޅުން ވާހަކަ ދެއްކީ ޖެހުލުންވެ ހުރެކަން އެނގުނެވެ. ނަމަވެސް އެހެން ބުނުމުން އެއީ ޝިހާމް ކަން ސުހާއަށް ޔަގީންވިއެވެ. ނަމަވެސް އެނގޭ ކަމަކަށް ނަހަދައެވެ.
"ކާކު ހޯދަން ތިގުޅީ؟ ކާކު ތީ" ސުހާ ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ. "ގުޅަން ބޭނުންވާ މީހާ ތީހެން ހީވަނީ، ތިއީ ސުހާއެއް ނޫންތައް؟" ޝިހާމް ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ނޫން" ސުހާ ބުންޏެވެ. "މިއީ ޝިހާމް، ސުހާ ކިހިނެތްތް؟ ރަނގަޅުތަ؟" އަނެއްކާ ވެސް ޝިހާމް ވާހަކަ ދެއްކިއެވެ. "ރަނގަޅު، ކިހިނެތްތަ؟" ސުހާ ޖަވާބު ދިނެވެ. "ކައިފިންތަ؟ ކޮބާ މަންމަމެން ރަނގަޅުތަ؟" ޝިހާމް އަނެއްކާ ވެސް ސުވާލު ކުރިއެވެ. "އެބައުޅޭ އެންމެން ވެސް ގޭގަ، އަހަރެން ކައިފިން، ޝިހާމް ނުކަންތަ؟" ސުހާ އެއް ފައްޗަކަށް އަމުނާލިއެވެ. "ސުހާ ކޯއްޗެއްތަ ކެއީ؟" އަނެއްކާ ވެސް ޝިހާމް ސުވާލުކުރިއެވެ. ސުހާ ރަކި ގޮތަކަށް ހީލިއެވެ. "ރޮށްޓާ ކިރުގަރުދިޔައާ، ކީއްވެ އެހާފަހުން ކަނީ" ޖަވާބު ދިނުމަށްފަހު ސުހާވެސް ސުވާލުކުރިއެވެ.
"މާލޭގައި އުޅޭއިރު އެހާ އަވަހަށް ނުކަން، އެންމެން ހަމަވީމަ ހޮޑަލަށް ދާން މިއުޅެނީ" ޝިހާމް ހިނުތުންވެލިއެވެ. " ކީއްކުރަނީ މާލޭގައި، ކޮން އެންމެންނެއް؟ އަހަރެން ހީކުރީ ރަށުގައި ކަމަށް" މާލޭގައޭ ބުމުން އިތުރަށް އޮޅުން ފިލުވަން ސުހާ ބޭނުންވިއެވެ. "މިއުޅެނީ ގްރެޖުއޭޝަނަށް އައިސް، އެނގޭތަ ބެލެނިވެރިއަކަށް ސާދުނާ ގެނައީ، އޭނާ އެބައުޅޭ ރީތިވާން، ދެން އެކީ ކިޔަވަން އުޅުނު ބައެއް ރަށްޓެހިން އަންނާނެ އިރުކޮޅަކުން" ބެލެނިވެރިއަކަށް ކޮއްކޮ ސާދުނާ ގެނައި ވާހަކަ ބުނުމުން ސުހާ ގަތަށް ހިނިއައެވެ. ސަދުނާއަކީ ހިކޮކޮށް ވަރަށް ކުޑަކޮށް ހުންނަ ކުއްޖަކަށް ވީމައެވެ.
ޝިހާމްއަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެއްކަން އުޅޭ އުޅުމުން އެނގެއެވެ. އެހާ ގިނަ ދުވަހު ވާހަކަ ނުދައްކާ ހުރެފައި މިއަދު ވާހަކަ ދައްކަން ފެށިތާ އަދި 5 ވަރަކަށް މިނެޓުވެސް ވީހެނެއް ހިއެއް ނުވެއެވެ. ނަމަވެސް ޖެހިލުންވެ ހުރި ހުރުން ގެއްލި މަޖާވެފައި ވާހަކަ ދައްކަން ފެށިލެއް އަވަހެވެ.
"ސާދުނާއޭ؟ އޭނާއަށް އިނގޭތަ އަހަންނާ ގުޅައިގެން ކަން؟" ސާދުނާ ޝިހާމް ގަތުގައި ހުރުމުން ކުޑަކޮށް ޖެހިލުންވިއެވެ. އަދި ސުވާލުކުރިއެވެ. " ނޫން ނޭންގޭނެ" ޝިހާމްގެ ޖަވާބު ކުރެއެވެ. "ކޮން އިރަކުން ގްރެޖުއޭޝަން އޮތީ؟' ސުހާ އަނެއްކާ ވެސް ސުވާލުކުރިއެވެ. އޭނާ ޝިހާމްއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ކަހަލައެވެ. " މާދަމާ ރޭ 08:30ގައި" ޝިހާމް ޖަވާބު ދިނެއެވެ. "އެހެންތަ! " ސުހާގެ އަޑު މަޑުވިއެވެ. ދެން ޝިހާމް ވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ސުހާއަށް ވެސް ވަކި ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އާންމުކޮށް ވާހަކަ ނުދައްކާތީ ކަންނޭންގެއެވެ. "ހަލޯ" އިރުކޮޅަކުން އެ ހަމަހިމޭން ކަން ގެނައީ ޝިހާމްއެވެ. "ހޫމް.." ސުހާއަށް ވީ ކިހިނެތް ކަމެއް ނޭންގެއެވެ. ލަދުން ވާހަކަ ދައްކަން އުނދަގޫވީ ހެން ވެސް ހީވިއެވެ. އިރުކޮޅަކުން ދެން ބާއްވަނީ ކަމުގައި ބުނެ ޝިހާމް ފޯނު ކަނޑާލިއެވެ.
***************************
ސުހާއަށް އިނދެވުނީ ބެރު އުނދޮލީގައި ކަންވެސް އިނގުނީ އިރުކޮޅެއް ވީފަހުންނެވެ. ގޭދޮރު ޖަހަން އުޅެފައި ބޭރުގައި ސުހާ އިންތަން ފެނުމުން އަދިވެސް ނިދަން ނުވަންނަނީތޯ ބައްޕަ ސުވާލުކުރުމުންނެވެ. ފޯނުން ގަޑި ބަލާލަމުން އަވަސް އަވަހަށް ސުހާ ތެދުވީ ގެއަށް ވަނުމަށެވެ. އޭރު ދިހައެއް ޖަހަނީއެވެ.
ނިދަން އޮވެގެން ވެސް ސުހާއަށް ވިސްނެނީ ޝިހާމް ދެއްކި ވާހަކަތަކާ މެދުއެވެ.
****************************
އޭގެ އަނެއް ދުވަހެވެ. ފަހުން ގުޅާނަމޭ ޝިހާމް ބުނެފައި އޮތުމުން އިރުއިރުކޮޅާ ސުހާއަށް ފޯނަށް ބަލާލެވެއެވެ. މެސެޖެއް އައިސް އޮތްތޯ ވެސް ބެލެއެވެ. ޝިހާމް ގުޅާ ގަޑިއެއްގައި އެހެން މީހެއް ފޯނު ނަގާފާނޭ ކަމަށް ހީކޮށް ޖެހުލުންވާން ފެށިއެވެ. އަދި އަބަދު އަތުގައި ފޯނު ބާއްވައިގެން އުޅެވެން ފެށުނެވެ. އެހެން މީހަކަށް އޭނާ ގުޅާކަން އެނގިދާނެތީވެސް ސުހާ ބިރުގަނެއެވެ. ފުރަތަމަ ފަހަރަށް އެގޮތަށް ފިރިހެނަކު ގުޅާކަން މަންމައާއި ބައްޕައަށް އެނގި ސުވާލުކޮށްފާނެތީވެސް ޖެހިލުންވެއެވެ. އެދުވަހުގެ އިރުއޮއްސިއްޖެއެވެ. ނަމާދުކޮށްލައިގެން ޓީވީން އަންނަމުންދިޔަ ދީނީ ޕްރޮގުރާމެއް ބަލަން ސިޓިންރޫމުގެ ގޮނޑިއެއްގައި ސުހާއިނެވެ. ކޮޓަރީގައި ޗާޖައް ޖަހާފައި އޮތް ފޯނު ރިންގުވާން ފެށިއެވެ.
(ނުނިމޭ)