އާންމު ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗީފް އެގްޒެކްޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އެދިވަޑައިގެންފިއެވެ.

ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް އަމްރު އެދިލައްވާފައި ވަނީ ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކައި އެސްޓީއޯއިން ލުނބޯ އެތެރެކޮށްފައިވާ ކަމަށް ވިދާޅުވެ ކުރި ޓްވީޓެއްގައެވެ.

ރޯދަ މަސް އަންނަން 3 ދުވަހަށް ވެފައިވާ މި ދަނޑިވަޅުގައި ލުނބޯގެ އަގު ވަނީ އުފުލިފައެވެ. މީގެ ކުރިން 40 ރުފިޔާއަށް ހުރި ލުނބޯ ކިލޯއެއް ވަނީ 80 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލުފައެވެ. އެސްޓީއޯއިން ލުނބޯ ކިލޯއެއްގެ އަގަކީ 60 ރުފިޔާއެވެ.

އެސްޓީއޯއިން ތަކެތި ވިއްކަމުންދާ އަގުތަަކަށް ބަލާއިރު އަލުވި ބަސްތާއެއް 240 ރުފިޔާއަށް، ފިޔާ ބަސްތާއެއް 160 ރުފިޔާއަށް އަދި ބިސް ކޭހެއް ލިބެން ހުރީ 280 ރުފިޔާއަށެވެ. ވަކިން ކިލޯ ކިރައިގެން އަލުވި 11 ރުފިޔާއަށް ކިލޯއެއް ލިބެން ހުރިއިރު ފިޔާ ކިލޯއެއް ލިބެނީ 9 ރުފިޔާއަށެވެ. އަދި ބިހެއް ލިބެނީ 1.75 ރުފިޔާއަށެވެ.

ރޯދަ މަހާ ދިމާކޮށް އެއްޗެހީގެ އަގު އުފުލިގެންދިޔަ ނުދިނުމަށް އެސްޓީއޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތަކެތީގެ އަގުތައް އުފުލިގެންދާނަމަ އަގުތަށް ތިރިކުރުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.