ދުޅަހެޔޮ ސިއްހަތަކަށް އެންމެ މުހިންމު އެއް ކަމަކީ ފުރިހަމަ ނިދި ކަމަށްވާ އިރު ކޮންމެ އަހަރަކު މުސްލިމުން ކުރިމަތިލާ ރޯދަމަހަކީ ވަރަށް ގިނަ މީހުންގެ ނިންޖާ ކުޅެލާ މަހެކެވެ. ރޭގަނޑު ރޭ އަޅުކަމަށް ތެދުވާން ބޭނުުންވާ އިރު ދުވާލު ގިނަ ވަގުތު ނިދާ ހެދުމަކީ ރޯދައަށް ހުންނަ މުސްލިމް އަޅާއަށް ވެސް މާ ރަގަނޅު އަދި މާ ފަސޭހަ ކަމެއް ވެސް ނޫނެވެ. އެހެން ކަމުން ހާއްސަކޮށް ރޯދަމަހު ތިމާގެ ނިދި މެނޭޖް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދި މަދުވުމަކީ ތިމާގެ ސިއްހަތާއި ހަށިގަނޑަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ އަދި ދާއިމީ ބައްޔަކަށް ވެސް ބަދަލުވާ ފަދަ ނުރައްކާތެރި ކަމެކެވެ.
ކޮންމެ އިންސާނަކު ވެސް ދުވާލެއްގެ މައްޗަށް 8 ގަޑި އިރުގެ ނިދި ބޭނުންވާ ކަމަށް ސިއްހީ މާހިރުން އިއްތިފާގުވާ އިރު ނިދި މަދުވުމުން ހަށިގަނޑަށް ގިނަ އަސަރުތަކެއް ކުރެއެވެ. ނިންޖަކީ ދުވާލެއްގެ 24 ގަޑި އިރުގެ ތެރޭގައި ހަށިގަނޑަށް އަންނަ ޖިސްމާނީ، ނަފްސާނީ އަދި އުޅުމާއި ބެހޭ ސައިކަލް ހިންގުމަށް އެންމެ މުހިންމު އެކައްޗެވެ. ނިދި ހަމަނުވާ ނަމަ މިސައިކަލް ފުރިހަމަ ނުވެ ޖިސްމާނީ އަދި ނަފްސާނީ އަސަރުތައް ވެސް ކުރާނެއެވެ. ބޮލުގައި ރިއްސުމާއި ރުންކުރުވެ ރުޅިގަދަވުމަކީ މީގެ ތެރެއިން ބައެއް އަސަރުތަކެވެ.
ނިދި ހަމަނުވެ ނުވަތަ މަދުވާ ނަމަ ދިމާވާ އަނެއް މައްސަލައަކީ ސިކުނޑީގެ ފުރިހަމަ ބާރު ހިފަން ދަތިވުމެވެ. ފުރިހަމަ ނިންޖަކީ ސިކުނޑި ވަރުގަދަވެ ރަނގަޅު ނިންމުންތައް ނިންމަން އެހީވާ ކަމަކަށްވާ އިރު ނިދި މަދުވާ ނަމަ ކަންކަމަށް ފޯކަސް ކުރަން އުނދަގޫވެ ކަންކަމަށް ސަމާލުކަން ދޭން ވެސް އުނދަގޫވެއެވެ.
އަދި ފުރިހަމަ ނިދި ނުލިބުމަކީ ބައެއް މީހުންގެ ބަރުދަން އިތުރުވާ ވެސް ކަމެކެވެ. ސައިންސްވެރިން ބުނާ ގޮތުން ނިދި މަދުވުމުގެ ސަބަބުން ބަނޑުހައިވުމާއި ކާހިތްވުމާއި ބެހޭ ހޯމޯންސްތަކަށް އަސަރު ކުރެއެވެ. އަދި ނުނިދާ ގިނަ ވަގުތު އުޅޭނަމަ ބަނޑުހައިވުން ބޮޑުވާނެ ކަމަށާއި ސިއްހަތަށް ރަނގަޅު ނޫން ކާނާ އަށް މީހާގެ ޝައުގު އަނބުރާލާކަމަށް ވެސް ބުނެއެވެ.
ރޯދަ މަހު ނިދި މެނޭޖް ކުރާނެ ގޮތް
ކްލީވްލެންޑްގެ އަބޫދާބީ ކްލިނިކް އިން ބުނާ ގޮތުގައި ރޯދަމަހު ނިދި ކޮންޓްރޯލް ކޮށް މެނޭޖް ކުރުމަށް ގިނަ އުކުޅުތަކެއް ބޭނުން ކުރެވިދާނެއެވެ. އެގޮތުން؛
ގިނަ ގިނައިން ނިދުމަށް ވުރެ އެއް ފަހަރު ގިނަ ވަގުތު ނިދުމަށް އިސްކަން ދިނުން:
- ބައެއް މީހުންނަކީ ނިދި 'ބޮޅު ބޮޅު' އަޅާ މީހުންނެވެ. ގިނަ ވަގުތު ނިދުމަށް ވުރެ މަދު އިރުކޮޅަކަށް ގިނަ ފަހަރު ނިދުމަކީ ބައެއް މީހުންގެ އަދާއެކެވެ. މީގައި ރަނގަޅު ގޮތަކީ ގިނަ ފަހަރަށް ވުރެ ގިނަ ވަގުތު ނިދުމެވެ. މިގޮތުން ރޯދަ ވީއްލާ މަޣްރިބާއި އިޝާ ނަމާދަށް ފަހު ކޮންމެ ރެއަކު މަދުވެގެން 4 ގަޑި އިރަށް ނިދާލާށެވެ. އެއަށް ފަހު ދަމު ނަމާދާއި ހާރު ކެއުމަށް ހޭލުމަށް ފަހު ފަތިސް ނަމާދަށް ފަހު އަނެއްކާވެސް ނިދާލާށެވެ. ދުވަހުގެ މަސައްކަތަށް ހޭލުމުގެ ކުރިން ނިދި ހަމަކޮށްލާށެވެ.
ވަކި ގޮތަކަށް ނިދަން އާދަކުރުން:
- ކޮންމެ ދުވަހަކުވެސް ނިދަން އޮށޯންނަ ގަޑިއާއި ހޭލާ ގަޑި ވަކި ގަޑިއަކަށް ހަދަން އާދަކުރާށެވެ. ރޯދަމަހަކީ ސޯޝަލް ގެދަރިންތައް ރޭގަނޑުގެ ވަގުތުގައި އޮންނަ މަހެއް ނަމަވެސް ވަކި ގަޑިއަކަށް ނިދާ ހޭލުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ ކަމަކެވެ. އަދި މިއީ ފުރިހަމަ ނިންޖެއް ހޯދުމަށް އެންމެ ގިނަ މީހުން ބޭނުން ކުރާ އުކުޅެވެ.
ދުވާލު ގަޑީގައި 'ޕަވާ ނެޕެއް' ނެގުން:
- މެންދުރު ގަޑީގައި ވަރުބަލިވެ ކަންކަމަށް ސަމާލުކާން ދޭން އުނދަގޫވާނަމަ 20 މިނެޓްގެ 'ނެޕެއް' ނަގާލާށެވެ. ހަނދާންކޮށް އެލާމް ކުރާށެވެ. މާ ގިނަ އިރު ނިދިއްޖެނަމަ ދެން ތެދުވާ އިރު ކުރިއަށް ވުރެ ވަރުބަލިވެ ނިދި އައިސްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ކާއެއްޗެއްސަށް ބެލުން:
- ރޯދަ ވިއްލާ ގަޑީގައި ގިނައިން ފޮނި އެއްޗެއްސާއި ތެޔޮ ގިނަ އެއްޗެހި އެހާ ގިނައިން ނުކާށެވެ. އެއީ މި އެއްޗެހި ހަޖަމް ކުރަން ހަށިގަނޑު ދެ ގުނައަށް މަސައްކަތް ކުރަން ޖެހުމުން ނިދަން އޮށޯތަސް ނުނިދިދާނެތީއެވެ. ހަމަ މިގޮތަށް މާ ކުޅި އެއްޗެއްސާއި ކެފެއިން ހިމެނޭ ބުއިންތަކުން ވެސް ދުރުވާށެވެ.
ނިދުމުގެ ކުރިން 'ޑިވައިސް' ތަކާއި ދުރުވުން:
- ނިދުމުގެ ކުރިން ލޯމަތިން އެންމެ ފަހުން ފެންނަ އެއްޗަކަށް ފޯނުގެ ސްކްރީން ވުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް ފަހަރު ފޯނު ބަލަން އޮއްވާ ނިދިގެން ފޯނު މޫނު މައްޗަށް ވެއްޓޭ ފަހަރު ވެސް އާދެއެވެ. ފުރިހަމަ ނިދި ހޯދުމަށްޓަކައި ފޯނު ފަދަ ތަކެތި ދުރުގައި ބަހައްޓާށެވެ. އަދި ކޮޓަރީގައި ޓީވީއެއް ހުރި ނަމަ އެވެސް ނިއްވާލާށެވެ. އަޑު މަޑު އަދި އަލިވެސް މަޑު ކޮޓަރިއެއްގައި ނިދާލަން ފަސޭހަވެސް ވާނެއެވެ.
ރޯދަ މަހު ނިދި ހަމަކުރުމަށް ކުރެވިދާނެ ގިނަ ކަންކަން ހުރި އިރު، ކަސްތަރަކީވެސް މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކާއި ލޭގެ ހިނގުން ރަނގަޅު ކޮށްދޭ ކަމެކެވެ. ރޯދަ އަށް ހުއްޓަސް ކަސްރަތު ކުރެވޭނެއެވެ. މާ ލޮޑު ނުވާ ގޮތަށް ނުވަތަ ލޮޑު ނުވާ ވަރު ބަލައިގެން ކުރުމާއި ރޯދަ ވީއްލުމަށް ފަހު ރޭގނަޑުގެ ބައެއްގައި ކަސްރަތު ކޮށްލުމަކީވެސް ފުރިހަމަ ނިންޖަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ރަނގަޅަށް ނިދާ، ކައިބޮއެ، ކަސްރަތު ކޮށްލައި ހަދާލުމުން، ރޯދަ ވަރުބަލިކަމާއި ލޮޑު ކަމާއި "އަންނަ ފޫހި ނިދިން" ސަލާމަތް ވެ ދުވަހުގެ މަސައްކަތްތައް ފުރިހަމައަށް ކޮށްލެވޭނެއެވެ. އަޖުމަ ބަލާލަން މިކަންކަން ކޮށްލާށެވެ. ނަތީޖާ ފެންނާނެއެވެ.
މި ލިޔުމުގެ ސުރުޚީ ބަދަލުކުރަން އެބަޖެހޭ