އަަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "މީ އިޝްގް" ލޯންޗް ކޮށްފިއެވެ.

"ދަރަކަ" އަދި "މިރާއީ" ޑައިރެކްޓްކޮށް އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި އަޒްހާން މި ފަހަރު ގެނެސްދޭނީ އަސަރުން ފުރިގެންވާ އިޝްގީ ވާހަކައެވެ. މިއީ އޭނާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ޑިމާންޑު ބޮޑު ދެތަރިން ކަމަށްވާ އާމިނަތު ރަޝްފާ (އާޝާ) އަދި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ބެލުންތެރިން ރޮއްވާލާނެ ފެންވަރުގެ ފިލްމެކެވެ. ލީނާޒް ހުސައިން ޕްރޮޑިއުސްކޮށް ޝަހީދު ލެގަސީ ފިލްމުގެ ލަވައިގެ މިއުޒިކް ހަދާ މި ފިލްމަކީ މާލޭ އާއި މާފުށީގެ ހިތްގައިމު މާހައުލުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އާޝާ އާއި ޝަރަފްގެ އިތުރުން ގިނަ ތަރިންނެއް މި ފިލްމުން ފެނިގެންދާއިރު މި ފިލްމު އޮލިމްޕަސް ސިނަމާއަށް އަންނާނީ އަންނަ އަހަރު ކަމަށް ބެލެެއެވެ. މި ފިލްމުގެ ޝޫޓިން ފަށާނީ ކުރިއަށް އޮތް ރަމަޟާން މަސް ނިމުމުންނެވެ.

ކުޅަދާނަ ބަތަލާ އާޝާ އާއި އެކްޓަރު ޝަރަފް ގެ ފިލްމެއް ދާދިފަހުން ވަނީ މީޑިއާނެޓްގެ ވީޑިއޯ ކުލަބުގައި ސްޓްރީމް ކޮށްފައެވެ. މި ފިލްމަކީ ދިރިއުޅުމުގައި ނިންމާ ތަފާތު ނިންމުތަކުގެ އަސަރު ހަޔާތުގެ އެކި ދުވަސްވަރު ކުރާ ގޮތާއި އެފަދަ ނިންމުންތަކުގެ ސަބަބުން އަމިއްލަ މީހާ ޑިފައިންވާ މިންވަރު ދައްކުވައިދޭ ލޯބީގެ ވާހަކައެއްގެ ފިލްމެކެވެ. މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.