ކާއްޓޭގެ ނަމުން އާންމުންގެ މެދުގައި މަޝްހޫރުވި ކޮމީޑިއަން ނަޒީރު ޝިހާމްގެ ފުރަތަމަ ފިލްމު "ވަނާޖުބޭސާ" އަންނަ އޭޕްރިލް މަހު ސިނަމާގައި ދައްކަން ނިންމައިފިއެވެ.

ވިޝާލް ޒަކީގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު މި ފިލްމު އޮލިމްޕަސް ސިނަމާގައި އަޅުވާނީ އަންނަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. ވިޝާލް އާއި ކާއްޓޭގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ މި ފިލްމަކީ ވަރަށް ތަފާތު ފިލްމެއްކަން ފިލްމުގެ ޓްރެއިލާ އިން ވެސް ހާމަވެގެންދެއެވެ. ރާއްޖޭގެ ހިތްގައިމު ރަށެއްގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ދެވަނަ ފިލްމެވެ. ތިން އަހަރު ދުވަހުގެ މުއްދަތަކަށް އޮލިމްޕަސް ބަންދުކޮށްފައި އޮތުމަށްފަހު މި އަހަރު އޮލިމްޕަސް ހުޅުވުނުއިރު އެޅުވި ފުރަތަމަ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބީވީމާ" އެވެ. ހައުސްފުލް ގިނަ ޝޯތަކަކާއެކު މި ފިލްމު އެޅުވިއިރު މި ފިލްމުވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.

ކާއްޓޭގެ "ވަނާޖުބޭސާ" ގައި ހަރަކާތްތެރިވާ ތަރިންނަކީ ނާޒިރު ޝިހަމް، ހުސައިން ޝާދު، މުހައްމަދު ސައީދު، އައިޝަތު ރިމްޝާ، އަހްމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީއެވެ. މި ފިލްމަކީ ޕާޓިކަލްސް ސްޓޫޑިއޯ، ދަ ސްޓޫޑިއޯ އަދި ވާންޗޯ އެންޓަޓެއިންމަންޓުން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.