އދ. މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ދިވެހި ތިން ފިރިހެނުން ހައްޔަރު ކޮށްފައި ވާއިރު އެއީ 20 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހެެކެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހުން ހައްޔަރު ކުރުމަށް ފަހު، އެ މީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކޮށްފައި ވާ ކަމަށެވެ. އެ ގެ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓާއި 8 ސެލޯފިންކޮޅުގެ އިތުރުން ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މާމިގިލީ ޕޮލިސް ސްޓޭޝަނުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.
މިދިޔަ ބުދަ ދުވަހު މަސްތުވާތަކެއްޗާއެކު މާލެއިން 21 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައި ވާއިރު އޭނާ ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 271 ކުޑަ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.