ރޯދައިގެ މާތްކަމާއި މަތިވެރިކަން ވަރަށް ބޮޑެވެ. ގިޔާމަތް ދަވަހު ރޯދަވެރިޔާއަށް އެ ރޯދަ ޝަފާއަތްތެރި ވާނެތެވެ. ރޯދައަކީ އެ އަޅުކަން ކުރާ މީހާއަށް ބޮޑުވެގެން ވާ އަޖުރު އާއި ފާފަފުއްސެވުމަށް ﷲ ވައުދުވެވޮޑިގެންވާ އަޅުކަމެކެވެ. ރޯދައަކީ ފާފަތަކާއި އޮޅިގެން ކުރެވޭ ނުރަނގަޅު ކަންކަމުގެ ކައްފާރާއެކެވެ. ރޯދައަކީ އައްޑަނައެކެވެ. އަދި ނަރަކައިން ރައްކާތެރި ކޮށްދޭ އަޅުކަމެކެވެ. ގިނަގިނައިން ރޯދަ ހިފުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެކެވެ.

ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އެއް އުފަލަކީ އޭނާ ރޯދަ ވީއްލާ ވަގުތު ލިބޭ އުފަލެވެ. އަނެއް އުފަލަކީ އެނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާ ހިނދު ލިބޭ އުފަލެވެ.

ރަސޫލާ މުޙައްމަދު صلى الله عليه وسلم ކުރެއްވި ހަދީސެއްގެ މާނައިގައި ވަނީ ”މީހަކު އެންމެ ދުވަހަކު ވެސް ﷲ އަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތް ﷲ ދުރުކުރައްވާނެ" ކަމަށެވެ.

ހާއްސަކޮން ރަމަޟާން މަހުގެ ރޯދައިގައި ހުރި ދަރުމައާއި ސަވާބާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ކުރެއްވި ހަދީޘެއްގެ މާނައިގައި ވަނީ "ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ހުކުމްތައް ރަނގަޅައް ދަނެހުރެ، ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިން ދިޔަ ފާފަތައް ފޮހެވިއްޖެ". އެވެ.

ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲގެ ހަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރު ވަހެކެވެ. ގުދުސީ ހަދީސެއްގައި ވެއެވެ. "ރޯދަހިފުން ވަނީ ތިމަންކަލާނގެ ހަޟްރަތަށެވެ. އަދި އެކަމަށް ދަރުމަ ދެއްވާނީވެސް ތިމަންކަލާނގެ" އެވެ.

ރޯދަހިފުމަކީ މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ކަމެކެވެ. ރޯދައިން ހަށިގަނޑުގައި އުފެދޭ ނުބައި ވިހަ މާއްދާތައް ސާފުކޮށް ދުޅަހެޔޮ ސިއްހަތެއް ހާސިލް ކޮށްދެއެވެ. ބަރުދަން ލުއިކުރުމާއި ހަޖަމުކުރާ ނިޒާމަށް އަރާމެއް ދިނުމަށް އަދި ސަރުބީ ދަށްކުރުމާއި ލޭހޮޅިތަކުގައި ސަރުބީޖެހުމާއި، ލޭމައްޗަށް ދިއުމާއި، ނޭވާއަށް އުނދަގޫ ކުރުން ފަދަ ބަލިތަކުން ރޯދަހިފުމުން ފަސޭހަކަމާ އަރާމު ލިބިގެން ދެއެވެ.

ގިނަ ދިރާސާތަކުން ދައްކާގޮތުން ގަވައިދުން ރޯދަ ހިފުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ މިންވަރުގައި ބެހެއްޓުމަށް އެހީވެދޭ ކަމެކެވެ.

ރަމަޟާންމަހު ރޯދަހިފާ މީހުންނަށް ހާސްކަން ކުޑަވެ، ހަމަޖެހުން ލިބެއެވެ. ކީރިތި ޤުރުއާން ކިޔެވުމުން، ހިތާއި ސިކުނޑިއަށް ހަމަޖެހުން ލިބުމުގެ އިތުރުން، ހާސްވުމާއި ކަންބޮޑުވުން ތަކުން ދުރުކޮށްދެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުން ރޯދަ ހިފުމުން އިންސާނާގެ ސިކުނޑީގެ ތޫނުފިލިކަން އިތުރު ކޮށްދެއެވެ.

ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑު "ރީބޫޓްކޮށް" ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ނައްތާލަން އެހީވެދެއެވެ. ސިއްހަތަށް ގެއްލުން ހުރި ފެޓް އަދި ކެންސަރަށް މަގުފަހިވާ ކެމިކަލްތައް ހަށިގަނޑުން ދުއްވާލައެވެ.

ރަމަޟާންމަހު ހިފާ ރޯދާއިގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައިން ހަށިގަނޑު މަހްރޫމެއް ނުކުރެއެވެ. ރޯދަހިފުމުގެ ފައިދާ ބޮޑުކަން އެތައް ޑޮކްޓަރުންނެއް ވަނީ ފާހަގަކޮށްފައެވެ. ފަރުވާއެއްގެ ގޮތުގައި ރޯދަހިފުމުގެ ފައިދާ، ބައިވަރު ބޭސްތަކެއް ކެއުމަށް ވުރެ އެތައް ގުނައެއް ބޮޑުކަމަށް ޑޮކްޓަރުންވެސް ގަބޫލު ކުރެއެވެ.

ރޯދަ އަށް ހުންނަ މުސްލިމް އަޅާ ކުރާ އަޅުކަމާ ހެޔޮކަންތައް އެތަށް ގުނައަކަށް އުފިލިގެންދާ އިރު މި މާތް މައްސަރު ގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ހުރިހާ މުސްލިމް އަހުންނާއި އުހުތުން ވެސް އަޒުމް ކަނޑައަޅަން ވާނެއެވެ.