ޔުކްރައިން ކައިރިން ކަޅުކަނޑު މަތިން ވައްޓާލި އެމެރިކާގެ ޑްރޯން ވައްޓާލުމުގައި ބައިވެރި ވި ރަޝިއާގެ ޕައިލެޓުންނަށް ޝަރަފުގެ އެވޯޑް ދީފިއެވެ.
އެމެރިކާގެ ޖާސޫސީ ޑްރޯން ކަޅުކަނޑު މަތިން ވައްޓާލުމުގައި ރަޝިއާގެ ފައިޓާ ޖެޓްތަކުން ހަރަކާތްތެރިވާ ގޮތް ފެންނަ ވީޑިއޯ އެމެރިކާއިން އާންމު ކޮށްފައި ވާއިރު، ފެންނަނީ، ޑްރޯން އުދުހެމުން ދަނިކޮށް ފައިޓާ ޖެޓް ޑްރޯން މައްޗަށް އަރާ ތެެޔޮ ދޫކޮށްލާތަނެވެ. އެއާއެކު ޑްރޯންގެ ޕްރޮޕެލާ، ބުރަފަތި މަސައްކަތް ކުރުން ހުއްޓުމުން އެމެރިކާއިން ޑްރޯން ވައްޓާލައެވެ.
މި އޮޕަރޭޝަންގައި ރަޝިއާގެ 2 ފައިޓާ ޖެޓް ބައިވެރިވެފައި ވާ އިރު އޭގައި ތިބި ޕައިލެޓުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ޝަރަފުގެ އެވޯޑް ދެއްވާފައި ވާއިރު އެެމެރިޚާއިން މިހާރު ވަނީ ކަޅުގަނޑުގެ އޮޕަރޭޝަން އަލުން ފަށާފައެވެ.
ކަޅުކަނޑަށް ވައްޓާލި ޑްރޯންގެ މައްސަލަ ބޮޑުވެ އެމެރިކާ އާއި ރަޝިއާ އާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައި ވާ އިރު، ވައްޓާލި ޑްރޯން ރަޝިއާއިން މިހާރު ހޯދައިފިއެވެ. އެ ޑްރޯން ނެގުމަކީ އުނދަގޫ ކަމެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް ރަޝިއާއިން ބުނީ، ޑްރޯން އޮތީ، ރަޝިއާ އިން ހިފާފައިވާ ކްރިމިއާގެ ބަނދަރެއް ކަމަށް ވާ ސެވަސްޓޮޕޮލްގެ 60 ކިލޯމީޓަރު ދުރުން 850 މީޓަރު އަޑީގައި ކަމަށެވެ.
އިތުރަށް ރަޝިއާއިން ބުނެފައި ވަނީ އެމެރިކާއިން ހިންގާ އެފަދަ ޖާސޫސީ ހަރަކާތްތަކުގެ މުގާބިލުގައި އަދިވެސް ރައްދު ދޭނެ ކަމަށެވެ.
އެމެރިކާގެ ޑިފެންސް ޗީފާ ފޯނުން ވާހަކަ ދައްކަމުން ރަޝިއާގެ ޑިފެންސް ޗީފް ވިދާޅުވީ، ކަޅުކަނޑުގައި އެމެރިކާއިން ހިންގާ ޖާސޫސީ ހަރަކާތްތަކުން މަޝްރަހު އިތުރަށް ނުތަނަވަސް ވަމުން ދާ ކަމަށާއި، އެހެން ހިންގާ ކޮންމެ ހަރަކާތަކަށް ކުރިއަށް އޮތްތާނގައިވެސް ރައްދު ދެއްވާނެ ކަމަށެވެ.
ރަޝިއާގެ ޑިފެންސް ޗީފް ޗާޖީ ޝޮއިގޫ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާ ވާހަކަ ދައްކަވަމުން، އެމެރިކާގެ ޑްރޯން ގަސްދުގައި ވައްޓާލި ކަމަށް ދެކޮޅު ހެއްދެވިއެވެ. އަދި އެކަން ވީ، ޔޫކްރައިން ހަނގުރާމަ ފެށުމާއެކު ރަޝިއާއިން ކަނޑައަޅާފައިވާ ނޯ ފްލައި ޒޯން (އުދުހުން މަނާ ސަރަހައްދު) އާއި ރަޝިއާގެ މަސްލަހަތު ހިމެނޭ ސަރަހައްދުގައި ޖާސޫސީ ހަރަކާތް ހިންގާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ޗީފް ވިދާޅުވީ، ކުރިމަތިލުމަކަށް ހިނގައިދާނެ ހުރިހާ ހާލަތެއް ވަރަށް ސީރިއަސް ކޮށް ބަލާނެ ކަމަށާއި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށްޓަކައި ދެފަރާތުގެ ދެމެދުގައި އަބަދުވެސް މަޝްވަރާ ކުރެވިގެން ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ވާދަވެރިކަމާއި ހިޔާލުތަފާތުވުންތަކާ އެކުވެސް ފޯން ނަންގަވާ ވާހަކަ ދައްކާލެވޭ ކަމީ އުފާކުރައްވާ ކަމެއް ކަމަށްވެސް އޮސްޓިން ވިދާޅުވިއެވެ.