ޔޫތު މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި، "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ގައި އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވޯޑް ހަވާލުކޮށް ދެއްވައިފިއެވެ.

މި އެވޯޑް ހަފްލާގައި ރައީސް ހަވާލުކޮށް ދެއްވީ އެވޯޑްތަކަކީ "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ލިބުނު 5 މީހަކަށާއި، "ސްޕޯޓްސް އައިކަން އެވޯޑް" ލިބުނު 8 މީހަކަށާއި، "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބުނު 16 މީހުންނަށް އަދި ސްޕޯޓްސް މަން އޮފް ދަ އިއާ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއާގެ އެވޯޑެވެ. އަދި ނައިޖީރިއާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ސަންޑޭ އަކިން ޑާރޭއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ހަވާލުކޮށް ދެއްވީ ވެސް ރައީސް ސޯލިހެވެ.

ކުޅިވަރުގެ ދާއިރާއިން ދޭ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ހިދުމަތް ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ހަފްލާއަށް ވަޑައިގެންނެވި، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށް ދިން އެވޯޑެކެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް މުޖުތަމައަށް ހެޔޮ ބަދަލު ގެނެސްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދިން އެވޯޑެކެވެ.

މި އަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ދެއްވާފައި ވަނީ، އަލްމަރްހޫމް ސަމަރު ބުލޫ އިބްރާހީމް މަނިކަށާއި، އަލްމަރްހޫމް އަޙްމަދު ރިޒާ (ތަރަބޫޒް ރިޒާ) އަށާއި، އަލްމަރްހޫމް އަހްމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) އަށާއި، އަހްމަދު ވަހީދު (ކްއީން ވަހީދު) އަށާއި، މައްލާ ޅަތުއްތު އަށެވެ.

ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައި ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑް ގާލާ ނައިޓް" ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ ހަފްލާގައި، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި، ދައުލަތުގެ ވަޒީރުންނާއި، ނައިޖީރިއާގެ ކުޅިވަރާ ބެހޭ ވަޒީރު ސަންޑޭ އަކިން ޑާރޭ އަދި އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނާއި، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެތުލީޓުން ބައިވެރިވިއެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް"އަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ހަފްލާއެވެ. "މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ތައާރަފްކޮށް ފުރަތަމަ އެވޯޑް ހަފްލާ ބާއްވާފައި ވަނީ މިދިޔަ އަހަރުގައެވެ.