އާޓިފިޝަލް އިންޓެލިޖަންސްގެ ދުނިޔެ ބަދަލުކޮށްލި ޗެޓްޖީބީޓީ އާ ވާދަކުރަން ޗައިނާއިން އާނީ ލޯންޗް ކޮށްފިއެވެ.
ޗައިނާގެ އެންމެ ބޮޑު ސާޗް އެންޖިން ބައިޑޫގެ މި އުފެެއްދުމަކީ އަހަރުތަކެއްގެ މަސައްކަތް ކަމަށާއި އާނީއަށް ވަގުތު ކޮޅެއްގެ ތެރޭގައި ޅެން ހަދާލައި ވީޑިއޯ ހަދަންވެސް އެނގޭކަމަށް އެޕް ލޯންޗްކުރަމުން އެ ކުންފުނީގެ ސީއީއޯ ރޮބިން ލީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އާނީ އާ ސުވާލެއް ކުރުމުން، ނުބައިކޮށް ސުވާލު އޮތް ނަމަ ރަނގަޅު ކޮށްލަދިނުމުގެ އިތުރުން ޖަވާބު ދިނުމާއި، އިތުރު އެހީ ބޭނުންވާނަމަ އެކަމަށް މަގު ދައްކައި ދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ޗެޓްޖީބީޓީ އަށް ލިބިފައިވާ ފަދަ ގިނަ ކުޅަދާނަކަން އާނީގައިވެސް ހުރެއެވެ. މީގެ އިތުރުން ޗައިނާ ބަހުން ލިޔެކިޔުމާއި ކުރެހުން އަދި ވީޑިއޯ އުފެއްދުމުގެ ގާބިލުކަންވެސް ހުރެއެވެ.
އާނީއަކީ ޗެޓްޖީބީޓީ އާ ބަލާއިރު އަދި އާ ބޮޓެއް ކަމުން ޗެޓްޖީބީޓީގައި ހުންނަހާ ފުރިހަމަ ކޮށް ހުރިހާކަމެއް ނުކުރެއެވެ. އެގޮތުން ތަސްވީރެއް ލޯޑްކޮށް އެއަށް މަޒުމޫނެއް ނުވަތަ ލިޔުމެއް ތައްޔާރު ކުރަން ބުނެގެން އާނީއަށް އަދި އެކަމެއް ނުކުރެވެއެވެ. ހަމަ އެއާއެކު ޗައިނާ ބަސް ނޫން ބަހަކުން ކުޅަދާނަކަން ދެއްކުމުގެ ފީޗާ އާނީގައި އަދި ނެތް ކަމަށް ބުނެއެވެ.
މައިކްރޯސޮފްޓުން ފަންޑު ކުރާ ޗެޓްޖީބީޓީ ގެ އެންމެ ފަހުގެ ވާޝަން ޖީބީޓީ4 ދާދިފަހުން ލޯންޗް ކޮށްފައި ވާ އިރު، އިލްމީ މަސައްކަތްތަކަށާއި ގާނޫނީ މަސއްކަތްތަކުގައި އެހީތެރިވެ ދިނުމުގެ ގާބިލުކަންވެސް ހިމަނާފައި ވެއެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔެއަށް އާ އީޖާދުތަކާ އެކު ބޮޑެތި ބަދަލުތައް އަންނަ އިރު އަލީބާބާ، ވާވޭ އަދި ޖޭޑީ.ކޮމް ފަދަ ކުންފުނިތަކުން ވެސް މިހާރު އަމާޒު ހިފާފައި ވަނީ އެމީހުންގެ އަމިއްލަ ބޮޓް ތަކެއް އުފެއްދުމަށެވެ.
އާނީ ލޯންޗް ކުރުމާއެކު ޗައިނާގެ 650 އަށް ވުރެ ގިނަ ކުންފުނިން އާނީ ބޭނުން ކުރަން ޝައުގުވެރިވާކަން ވަނީ ހާމަ ކޮށްފައެވެ.