ޔޫކްރައިން ކައިރިން ކަޅުކަނޑުގައި އެމެރިކާއިން އުދުއްސި ޖާސޫސީ ޑްރޯން ވައްޓާލި މައްސަލަ ހޫނުވެފައި ވަނިކޮށް އެމެރިކާއިން ހިންގާ އެފަދަ ޖާސޫސީ ހަރަކާތްތަކުގެ މުގާބިލުގައި ރައްދު ދޭނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

އެމެރިކާގެ ޑިފެންސް ޗީފާ ފޯނުން ވާހަކަ ދައްކަމުން ރަޝިއާގެ ޑިފެންސް ޗީފް ވިދާޅުވީ، ކަޅުކަނޑުގައި އެމެރިކާއިން ހިންގާ ޖާސޫސީ ހަރަކާތްތަކުން މަޝްރަހު އިތުރަށް ނުތަނަވަސް ވަމުން ދާ ކަމަށާއި، އެހެން ހިންގާ ކޮންމެ ހަރަކާތަކަށް ކުރިއަށް އޮތްތާނގައިވެސް ރައްދު ދެއްވާނެ ކަމަށެވެ.

ރަޝިއާގެ ޑިފެންސް ޗީފް ޗާޖީ ޝޮއިގޫ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާ ވާހަކަ ދައްކަވަމުން، އެމެރިކާގެ ޑްރޯން ގަސްދުގައި ވައްޓާލި ކަމަށް ދެކޮޅު ހެއްދެވިއެވެ. އަދި އެކަން ވީ، ޔޫކްރައިން ހަނގުރާމަ ފެށުމާއެކު ރަޝިއާއިން ކަނޑައަޅާފައިވާ ނޯ ފްލައި ޒޯން (އުދުހުން މަނާ ސަރަހައްދު) އާއި ރަޝިއާގެ މަސްލަހަތު ހިމެނޭ ސަރަހައްދުގައި ޖާސޫސީ ހަރަކާތް ހިންގާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ޗީފް ވިދާޅުވީ، ކުރިމަތިލުމަކަށް ހިނގައިދާނެ ހުރިހާ ހާލަތެއް ވަރަށް ސީރިއަސް ކޮށް ބަލާނެ ކަމަށާއި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށްޓަކައި ދެފަރާތުގެ ދެމެދުގައި އަބަދުވެސް މަޝްވަރާ ކުރެވިގެން ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ވާދަވެރިކަމާއި ހިޔާލުތަފާތުވުންތަކާ އެކުވެސް ފޯން ނަންގަވާ ވާހަކަ ދައްކާލެވޭ ކަމީ އުފާކުރައްވާ ކަމެއް ކަމަށްވެސް އޮސްޓިން ވިދާޅުވިއެވެ.

ކަޅުކަނޑު މަތިން ޖާސޫސީ ޑްރޯން ވައްޓާލީ އެމެރިކާއިންނެވެ. އެމެރިކާއިން ބުނީ، އެކަން އެގޮތަށް ކުރަން ޖެހެނީ ރަޝިއާގެ ފައިޓާ ޖެޓްތަކުން ޑްރޯން މައްޗަށް ތެޔޮ އެޅުމުގެ ސަބަބުން އޭގެ ބުރަފަރި މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ.

ރަޝިއާގެ ބާރުގެ ދަށުގައި އޮންނަ ޔޫކްރައިންގެ ކްރިމިއާ ކަރިއިން ކަނޑަށް މި ޑްރޯން ވެއްޓުމުން، ރަޝިއާގެ މަނަވަރުތަކުން މިހާރު ދަނީ ޑްރޯން ނެގުމަށް މަސައްކަތް ކުރަމުންނެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދަށް އެމެރިކާ އަށް ކައިރިވެވޭނެ ގޮތެއް ނުވެއެވެ. ރަޝިއާގެ އޮފިޝަލުން ވިދާޅުވީ، ޑްރޯން ނަގަން އުނދަގޫވި ނަމަވެސް އެކަން ކުރަން ޖެހޭ ކަމަށާއި އިތުރު ތަހުގީގުތައް ހިންގާނެ ކަމަށެވެ.