ދެމަސް ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒައީމް މައުމޫނު އަބްދުލްގައްޔޫމް ރާއްޖެ ވަޑައިގެންފިއެވެ.

އަމިއްލަފުޅު ދަތުރުފުޅެއްގައި ލަންކާ އާއި މެލޭޝިއާ ގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންކަން އިއްޔެ މައުމޫން ވަނީ އިއުލާން ކުރައްވާފައެވެ.

މައުމޫން ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލު ކުރައްވާފައި ވެއެވެ. އެމްއާރްއެމް އިން ކުރި ޓްވީޓެއްގައި ބުނީ ލަންކާގެ ރައީސާ އެކު ބޭއްވެވި ބައްދަލުވުމުގައި ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަ ކުރައްވާ އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ލަންކާއަށް މި ފަހުން ކުރިމަތިލާން ޖެހުނު އިގުތިސޯދީ ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ފަރާތުން އަބަދު ވެސް އެ ގައުމަށް ދެމުން ގެންދާ އެހީތެރިކަމަށް ރަނިލް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ވެސް އެޓްވީޓުގައި ވަނީ ބުނެފައެވެ.

މައުމޫނަކީ ލަންކާގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "މިތުރަ ވިބޫޝަނަ އެވޯޑް" 2008 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މައުމޫން މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް ނެތް ނަމަވެސް މައުމޫނުގެ އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

2 މަހަަށް ފަހު މައުމޫން އެނބުރި ވަޑައިގެންފައި ވާ މި ވަގުތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރު ކޯލީޝަނާއި އިދިކޮޅު ފަރާތްތަކުން ތައްޔާރުވަމުން ދާ ވަގުތަށް ވާއިރު، އެމްއާއރުއެމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަންގައި އޮތް ޕާޓީއެވެ. ކިރިޔާ 3000 މެންބަރުން ހަމަވާ އެ ޕާޓީއަށް ވެސް ކޯލިޝަން ސަރުކާރުގެ ވަޒީފާތައް ލިބިފައި ވާ އިރު، އަންން އިންތިހާބުގައިވެސް އެމްއާރުއެމް އިން ބައިވެރިވާނެއެވެ.

ރައީސް މައުމޫން ރާއްޖޭގައި ވަޑައިގެން ނެތުމުން ކޯލިޝަނާ ގުޅޭ ގޮތުން ވަކި ގޮތެއް އެ ޕާޓީން ނިންމާފައި ނުވި ނަމަވެސް މައުމޫން ވަޑައިގަތުމުން އެހެން ޕާޓީތަކާއެކު މަޝްވަރާތައް ފެށޭނެ ކަމަށް ބުނެފައި ވެއެވެ.

މިއަދު މަކަމުގައި އެމްއާރުއެމް އިން ބުނެފައި ވަނީ، މަޝްވަރާތަކާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ކުރިއަށް ދާ ގޮތް މީޑިއާ އާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާ އެކު، އަދާލަތާއި އެމްޑީއެން އިން ވަނީ ކޯލިޝަން ހަދާފައެވެ. ނަމަވެސް ސަރުކާގެ ބޮޑު ހިއްސާއެއް (33 ޕަސެންޓް) ނަގައިގެން ތިބި ޖޭޕީން ވަނީ ސޯލިހު ދޫކޮށްލައި ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ، ރައީސް މައުމޫންގެ އާއިލާއާ ގާތް ބޭފުޅެއް ކަމުންނާއި އަދި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ތުއްތޮންބެ އަށް ވުމުގެ އިތުރުން އެ ޕާޓީގައި ހުންނެވި ގުރައިދޫ ދާއިރާއިގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންގެ ބައްޕާފުޅު ކަމަށް ވާއިރު އެމްއާރުއެމް އިން ހަދާގޮތެއް ބެލުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ.

އެމްއާރުއެމް އިން ނިންމާނީ ގާސިމް އާ އެކުގައި ދާން ކަމަށް ބައެއް މީހުން ބުނާ އިރު ދާދި ފަހުން ގާސިމް އާއި މައުމޫންގެ ދޮށީ ދަރުކަލުން އަހުމަދު ފާރިސް މައުމޫން ސަން އައިލޭންޑްގައި ބައްދަލު ކުރައްވާފައި ވެއެވެ.