ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ހަޔާތަށް އެނިމޭޓެޑް ސީރީޒެއް އުފައްދަން ނިންމައިފިއެވެ.
އާޖަންޓީނާގެ ކެޕްޓަން މެސީގެ ކުޑައިރުގެ ހަޔާތުން ފެށިގެން މިދިޔަ އަހަރު ކާމިޔާބު ކުރި ވޯލްޑް ކަޕްގެ ޓްރޮފީ ހާސިލްކުރުމާ ހަމައަށް އޭނާގެ ހަޔާތުގައި ހިނގާފައިވާ ކަންތައްތައް މި ސީރީޒުން ފެނިގެން ދާނެއެވެ. އޭނާ ވަނީ ނިމިދިޔަ ވޯލްޑް ކަޕުގެ ފައިނަލުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައެވެ. މި ސީރީޒް ދައްކާނީ އިނގިރޭސި އާއި ސްޕެނިޝް ބަހުނެވެ.
އެކަމާ ގުޅިގެން މެސީ ނެރުނު ސްޓޭޓްމަންޓުގައި ބުނީ އެންމެ ކުޑައިރުން ފެށިގެން ވެސް އޭނާ އަކީ އެނިމޭޓެޑް ސީރީޒަށް ލޯބިކުރާ މީހެއް ކަމަށާއި އަދި އޭނާގެ ދަރިންނަކީ ވެސް އެނިމޭޓެޑް ކެރެކްޓާޒް ގެ ވަރަށް ބޮޑު ފޭނުން ކަމަށެވެ. މެސީ ބުނީ މިފަދަ ބޮޑު ޕްރޮޖެކްޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވާކަމަށާއި މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި ސޮނީ އިން އޭނާ އަށް މި ފުރުސަތު ލިބުމުން އެ ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށާއި އުންމީދަކީ ހުރިހާ އެންމެންނަށް ވެސް މި ސީރީޒް ކަމުދާނެ ކަމަށެވެ.
ސޮނީގެ ފަރާތުން ފާނަންޑޯ ކަބްރަލް ބުނީ މެސީ އާއެކު މި ޕްރޮޖެކްޓްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ޕްރޮޖެކްޓަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ އިބްރަތްތެރި ސީރީޒެއް ކަމަށެވެ.
ލިއޮނެލް މެސީ ވަނީ ވޯލްޑް ކަޕުގެ 26 މެޗު ކުޅެ 13 ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދީފައެވެ. އެއާއެކު މެސީވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި އެންމެ ގިނައިން މެޗް ކުޅުނު ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ އާޖެންޓީނާ ގެ ޖާޒީ ގައި ހުރެ 98 ގޯލް ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އެފްސީ ބާސެލޯނާ އިން ފުޓްބޯޅަ ކެރިއަރު ފެށި މެސީ މިހާރު ކުޅެނީ ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އަށެވެ. އޭނާ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ހަތް ބެލޮން ޑޯ ހާސިލްކޮށްފައެވެ.