ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑް އަށް ވަނަ ފަހަރަށް ލައިނަލް މެސީއަށް ލިބިއްޖެއެވެ.
މިއާއެކު މެސީ މިވަނީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ގިނައިން މި އެވޯޑް ހާސިލްކުރި ކުޅުންތެރިޔާއަށް ވެފައެވެ. މެސީއާ އެންމެ ގާތުން ވެސް ވާދަކުރަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯއަށް 5 ފަހަރު ބެލެންޑޯ ލިބުނު އެންމެ ފަހުން އޭނާއަށް މި އެވޯޑް ލިބުނީ 2017 ވަނަ އަހަރެވެ.
ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރާ 100 ޖާނަލިސްޓުން ދޭ ވޯޓުން ލިބޭ ބެލަންޑޯ މިދިޔަ އަހަރު ލިބުނީ ފްރާންސް ކަރީމް ބެންޒިމާއަށެވެ.
މިއަހަރުގެ ބެލެންޑޯ މެސީއަށް ލިބުނީ މިދިޔަ އަހަރުގެ ފަހު ކޮޅު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕް އާޖެންޓީއަށް ހޯދައިދިނުމުގައި މެސީ އަދާކުރި މުހިންމު ރޯލަށެވެ.
އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން މެސީ ބުނީ އަނެއްކާވެސް މިޝަރަފު ލިިބިގެން އުފާ ފާޅުކުރަން ލިބުމަކީ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އަދި އާޖެންޓީނާއަށް ވޯލްޑްކަޕް ތަށި ހޯދަދީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހެދިއްޖެ ކަމަށް ވެސް މެސީ ބުންޏެވެ.
މީގެ ކުރިން ބާސަލޯނާ އަދި ޕީއެސްޖީއަށް ވެސް ކުޅުނު މެސީ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ލިބުނު ފަދަ ކާމިޔާބީތައް ހާސިލްކުރެވޭނެ ކަމަށް ދުވަހަކުވެސް ނުދެކެން ކަމަށާ އަދި އޭނާއަށް ލިބުނު ކޮނެމް ބެލެންޑޯއެއް ވެސް އެކި ސަބަބުތަކާ ހުރެ ހާއްސަވާކަމަށެވެ.
މިދިޔަ ސީޒަންގައި ޕީއެސްޖީން ވަކިވުމަށް ފަހު މެސީ މިހާރު ކުޅެނީ އެމެރިކާ ލީގުގެ އިންޓާ މަޔާމީއަށެވެ. އެޓީމާ ގުޅި މެސީ ވަނީ އެޓީމުގެ ތާރީހުގައި ވެސް ލިބުނު ފުރަތަމަ ތަށި ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިއަހަރު ދުނިޔޭގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ މެންޗެސްޓާ ސިޓީގެ ނޯވޭގެ ފޯވަޑް އާލިންގް ހާލަންޑަށެވެ. މިދިޔަ ސީޒަންގައި ސިޓީން ތިން ތަށި ހޯދި އިރު ހާލަންޑް ވަނީ ގޯލު ޖެހުމުގެ ގިނަ ރިކޯޑްތަކެއް މުގުރާލާފައެވެ. މިގޮތުން، 35 ލީގު މެޗުގައި 36 ގޯލު ހާލަންޑް ޖެހި އިރު މުޅި ސީޒަންގައި ޖުމްލަ 52 ގޯލު އޭނާ ކާމިޔާބުކުރިއެވެ. ރޭގެ ހަފްލާގައި އޭނާއަށް ވަނީ އެންމެ މޮޅު ގޯލު ސްކޯރާގެ އެވޯޑް ލިބިފައެވެ.
މިދިޔަ ސީޒަންގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބުނީ ފްރާންސްގެ ކިލިއަން އެމްބާޕޭއަށެވެ.
މިދިޔަ ސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ މިހާރު ރިއާލް މެޑްރިޑްއަށް ކުޅޭ އިނގިރޭސި ފޯވަޑް ޖޫޑް ބެލިންގްހަމްއެވެ. ދުނިޔޭގެ އެންމެ މޮޅު ފިރިހެން ގޯލު ކީޕަރަކަށް އާޖެންޓީނާގެ އެމީ މާޓީނޭޒް ހޮވުނު އިރު އެންމެ މޮޅު ކްލަބަކަށް ހޮވުނީ އިންގްލޭންޑްގެ މެންޗެސްޓާ ސިޓީއެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިން އަދި ބާސަލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމަޓީއެވެ.