ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުޅުންތެރިޔާ ލިއޮނެލް މެސީ އޭނާގެ ކްލަބާއި ކްލަބުގެ ކުޅުންތެރިންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

ޕީއެސްޖީގެ ހުއްދަ ނެތި މެސީ ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރި މައްސަލައިގައި އެ ކުލަބުން ވަނީ އޭނާ ދެ ހަފްތާގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފައެވެ. އަދި މި މުއްދަތުގައި އޭނާއަށް މުސާރަ ނުދިނުމަށްވެސް އެ ކްލަބުން ވަނީ ނިންމާފައެވެ.

ޕީއެސްޖީގެ ޕްރެކްޓިސް ދޫކޮށްލުމަށް ފަހު މެސީ ސައުދީއަށް ދިޔަ މައްސަލައިގައި އެ ކްލަބުން އޭނާ އާ މެދު ފިޔަވަޅު އަޅާފައި ވާއިރު، މެސީ ވަނީ އޭނާއަށް ކުރެވުނު ކަންތަކަށް މައާފަށް އެދި އިންސްޓަގްރާމަށް ވީޑިއޯ މެސެޖެއް ދޫކޮށްލާފައެވެ.

މެސީ އާންމުކުރި މި ވީޑިއޯގައި ބުނެފައި ވަނީ ކޮންމެ މެޗަކަށް ފަހުވެސް ދެ ދުވަހުގެ ޗުއްޓީއެއް ދޭކަމަށެވެ. އެހެންކަމުން ހީކުރެވިފައި އޮތީ އެންމެ ފަހުން ކުޅުނު މެޗަށް ފަހު ވެސް އާދައިގެމަތިން ޗުއްޓީ ދުވަހެއް ދޭނެ ކަމަށެވެ. ސައުދީ އަށް ދިއުމަށް އޭނާ ރާވާފައިވާ ދަތުރު މީގެކުރިންވެސް ލަސްކުރަން ޖެހުނު ކަމަށާ، ކޮންމެހެން ދާންޖެހޭ ދަތުރެއް ކަމުން ކެންސަލް ނުކޮށް ސައުދީއަށް ދިޔައީ ކަމަށެވެ. "އަދިވެސް އެއްފަހަރު އަހަންނަށް ކުރެވުނު ކަންތަކަށް މައާފަށް އެދެން. މިހާރު މި އިންތިޒާރު ކުރަނީ ކްލަބުން ނިންމަނެ ގޮތަކަށް" މެސީ ބުންޏެވެ.

ދެ އަހަރު ދުވަހުގެ ކޮންޓެކްޓެއްގައި ޕީއެސްޖީއަށް ދިޔަ މެސީ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމުގެ އަޑުތަކެއް މީގެ ކުރިން ފަތުރިފައި ވާއިރު، މެސީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ދާން ބޭނުންވާ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފައެވެ.