އަމީނީ މަގުގައި މިހާރު ގާ އަތުރަމުން ދަނީ ވަގުތީ ގޮތުން ކަމަށާއި، އެއީ މަގު ބޭނުން ކުރަމުންދާ އާންމުންނަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގާ އަތުރަމުން ދަނީ ސްޓެލްކޯއިން ހުޅަނގަށް ވާ ގޮތަށް އޮންނަ ހަތަރު އަނގޮޅި ކަންމަތީގައި ކަމަށެވެ. މިގޮތަށް ގާ އަތުރަން ޖެހުނު ސަބަބަކީ ގިނަ އަދަދެއްގެ އާންމުންނަށް ވެސް އުނދަގޫ ތަކެއް ކުރިމަތި ވަމުން ދާތީ ކަމަށް އާރްޑީސީން މައުލޫމާތު ދިނެވެ.

އެގޮތުން އެ ސަރަހައްދަކީ ކޮލެޖްގެ އިތުރުން ސްކޫލާއި އޮފީސް ހުންނަ ސަރަހައްދެކެވެ. "އެވިޑް ކޮލެޖްގެ އިތުރުން އެ ގޯޅިތެރޭގައި ޕްރީސްކޫލެއް ވެސް ހުންނާނެ، އެހެންވީމަ ތުއްތު ކުދިން ގޮވައިގެން ވަދެ ނިކުމެ ވާން ދަތިތަކެއް ކުރިމަތިވާތީ ވަގުތީ ގޮތުން ގާ އަތުރަނީ" އާރްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސްޓެލްކޯ ގަރާޖަށް ވަންނަ އުޅަނދު ފަހަރު ވަނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި ގާ އެތުރުމުން އެކަންކަމަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް އާރްޑީސީން ބުނެއެވެ. އަދި ތާރުއަޅަން ހުރިހާ ކަމެއް ތައްޔާރު ވުމުން ގާތައް ނެގުމަށް ފަހު ތާރު އަޅާނެ ކަމަށާއި، އެކަން އެގޮތަށް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީގެ އިރުޝާދާއި ލަފާގެ މަތިން ކަމަށް މައުލޫމާތު ދިނެވެ.

އަމީނީ މަގުގައި ތާރުގެ ބަދަލުގައި ގާ އަތުރަމުން ދާތީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ، "އެއްބައިގައި ތާރު އެޅުމަށްފަހު އަނެއްބައިގައި ގާ އަތުރާ ގޮތަށް ޕްލޭން ބަދަލުވީތޯ" އެވެ.

އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމޭއިރު ޖުމްލަ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. 13 ސެގްމެންޓަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާ އަމީނީ މަަގު، ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި ބައިގައި ތާރު އެޅީ އާރުޑީސީ އަށް ނުވެގެން އެމްޓީސީއާ ހަވާލުކޮށްގެންނެވެ.

މަގުގަ މަސައްކަތް ކުރާތާ ހަތް މަސް ދުވަސް ފާއިތުވީއިރު ތާރުއަޅާ އެއްކޮށް ނިންމާ ލެވުނީ ސްޓެލްކޯ އާ ހަމައަށެވެ. މިއީ 84,000,000 ރުފިޔާގެ ބޮޑު ބިޔަ މަޝްރޫއެކެވެ.