ޕާޓީގެ ތެރެއިން ވަކިވެ ގަނެ އިތުރު ޕާލިމަންޓްރީ ގްރޫޕެއް ނުހެދޭނެ ކަމަށާއި އަދި އެއީ ވަރަށް ވިޔާނުދާ އަމަލެއް ކަމަށް ވިދާޅުވެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިގޮތަށް އަސްލަމް ވިދާޅުވެފައި ވަނީ ރޭ ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ވަކި ޕީޖީ ބައްދަލުވުމެއް ބޭއްވުމާ ގުޅިގެންނެވެ. އެމްޑީޕީގެ ރަސްމީ ޕީޖީ ގްރޫޕާ މުޅިން ވަކިން ނަޝީދު ފެކަޝަނަށް ނިސްބަތްވާ ޕީޖީ މެންބަރުން ބައްދަލުކުރައްވާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން އެކަމުގައި އެ ގްރޫޕުން އަމަލު ކުރާނެ ގޮތްތަކެއް ނިންމުމަށެވެ.
ޖޭޕީން ކެންޑިޑޭޓެއް ނެރެން ނިންމާފައި ވުމުން އެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ގޮސްގެން ދެން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ވަރަށް ސާފުވާނެ ކަމަށެވެ. އަދި ކޯލިޝަން ކޯލިޝަނަކަށް ހަދައިދޭ ޕާޓީ، ޖޭޕީއާ ނުލާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ އަމިއްލަ ބުރަދަނެއް ރައީސް ސޯލިހުގެ ނެތް ކަމަށެވެ.
މިކަމާ ނުރުހުންވެ އަސްލަމް ވިދާޅުވީ ޕާޓީގައި ތިބެގެން ވަކި ޕީޖީ އެއް ހެދުމަކީ ޕާޓީގެ އަސާސީ ގަވާއިދުވެސް ތަންދޭ ކަމެއް ނޫން ކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުންނަކީ އަބަދުވެސް ނަމޫނާ ދައްކަވަން ޖެހޭ ބޭފުޅުން ކަމަށާއި ނަމަވެސް އެއާ ހިލާފަށް މަޖިލިސްގެ ރައީސް ގެ ފަރާތްޕުޅުންވެސް މިފަދަ ކަން ކަން ފެންނަމުންދާ ކަމީ ހިތާމަ ކުރައްވާ ކަމެއްގެ ގޮތުގައި އަސްލަމް ސިފަ ކުރެއްވިއެވެ.
ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމުމުން ނަޝީދު ގާސިމަށް މަރުހަބާ ވިދާޅުވެފައި ވާއިރު ގާސިމް ރިޔާސީ ރޭހަށް ނިކުންނަވަން އެންމެ ބޮޑަށް ބާރު އަޅުއްވަނީވެސް ނަޝީދެވެ.
އަސްލަމްގެ ލަދުހަޔާތް ކޮބާތޯ، އަސްލަމްއަށް ސަރުކާރު ވީމާ ލިބުނު ޕުރޮޖެކުޓްތަކާ ލިބުނު ކަޓްތައް ކޮބާތޯ