ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ގާއިމް ކޮށްފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، ޓިއާ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ މި ޑޭޓާ ސެންޓަރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަގު ހެޔޮކޮށް އެ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އާންމުކޮށް މި ފަދަ ޑޭޓާ ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ވާތީ އެޗްޑީސީގެ އަމާޒަކީ އަގު ހެޔޮ ކޮށް ކުދި ވިޔަފާރިތަކަށް އެ ހިދުމަތް ފަސޭހަ ކަމާއެކު ހޯދޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ ފައިދާ
- ތަރައްގީކޮށް އޮޕަރޭޓުކުރަން ފެށުމަށް ނަގާ މުއްދަތު ކުޑަ
- އިތުރަށް ރެކް ސްޕޭސް އިތުރު ކުރަން ބޭނުން ނަމަ، މަތި މައްޗަށް ސްޓެކް ކޮށްގެން ކެޕޭސިޓީ އިތުރު ކުރެވޭނެ
- ކެޕޭސިޓީ އިތުރު ކުރާ އިރު، ބިމުގެ ޖާގަ އިތުރަށް ނުނެގުން
- އެހެން ތަނަކަށް ޑޭޓާ ސެންޓަރު ބަދަލު ކުރަން ބޭނުން ނަމަ ފަސޭހަ ކަމާއެކު އެކަން ކުރެވޭނެ
އެގޮތުން ސްމާޓް ކޮމް ބްރޭންޑްގެ ދަށުން އެޗްޑީސީން ދަނީ އެކްސެސް ނެޓްވޯކަކާއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެެވެ. އަހަރެއްގެ މައްޗަށް މި ހިދުމަތް މެދުނުކެނޑި ލިބެން ހުންނާނެ ވަގުތަކީ 99.982 ޕަސެންޓް ކަމަށާއި 1.6 ގަޑި އިރަށް ވުރެން އަހަރެއްގެ މައްޗަށް އަންނަ ޑައުންޓައިމް ކުޑަވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ޑޭޓާ ސެންޓަރަކީ 80 ކިލޯވޮޓްގެ ރިޑަންޑަންޓް ޑީސަލް ޖަނަރޭޓާ ސެޓް، ފިއުލް ޓޭންކާ އެކު ގާއިމްކޮށްފައިވާ ސެންޓަރެކެވެ. އެހެންކަމުން ކަރަންޓު ކެނޑޭ ވަގުތަށް ބޭނުން ކުރެވޭ ބެކްއަޕެއް އިންނާނެއެވެ. މީގެ އިތުރުން ރިޑަންޑަންޓް ކޫލިން ސިސްޓަމާއި، މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކްއަޕް ސިސްޓަމާއި، ފުލީ އޮޓޮމޭޓުކޮށް މަސައްކަތްކުރާ މޮނިޓަރިން ސިސްޓަމެއް އެލާޓު މެކޭނިޒަމްއާ އެކު އޭގައި ހިމެނެއެވެ. އަދި ތިމާވެއްޓާއި ރައްޓެހި އަލިފާން ނިއްވާ ސިސްޓަމަކާއި އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ސަވައިލެންސް ސިސްޓަމެއް ވެސް ހިމެނެއެވެ.
2019 ވަނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖީޕޮން އޯޕަން އެކްސެސް ނެޓްވޯކެއް ވަނީ ގާއިމް ކޮށްފައެވެ. އެޗްޑީސީން ބުނާ ގޮތުގައި މި ވަގުތު 12500 ސަބްސްކްރައިބާސް ވަނީ ލިބިފައެވެ. މީގެ އިތުރުން ޑޭޓާ ސެންޓަރުގެ ހިދުމަތް ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވެ، އެ މަސައްކަތް ޓެސްޓްކޮށް މިހާރު ހިދުމަތް ބޭނުން ކުރަމުންދާ ކަމަށާއި، މިއީ ސްމާޓް ސީޓީއަކަށް ހުޅުމާޅެ ހެދުމަށް ކުރާ މުހިއްމު މަސައްކަތެއް ކަމަށެވެ.