ގުރައިދޫން އިއުލާން ނުކޮށް ބިން ދޫކުރި މައްސަަލައިގައި އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް އަދި ނައިބު ރައީސަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، މި މައްސަލައިގައި ދައުވާ ކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވާފައި ވަނީ ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ހުސައިން އަހަދު އާއި އެ ކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސަރާހްގެ މައްޗަށް ކަމަށެވެ.

އެ ދެމީހުންގެ މައްޗާށް ދައުވާ ކޮށްދިނުމަށް އޭސީސީން އެދިފައި ވަނީ ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން އަމަލުކުރަމުން އައި އުސޫލާއި ހިލާފަށް އިއުލާން ނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުން ތަކުގައި ހުސައިން އަހަދުއާ މުހައްމަދު ސަރާހު ސޮއިކޮށްފައި ވުމުން ބިންތައް ދޫކުރުމުގައި އެ ދެ މީހުންގެ ބައިވެރިވުން އޮތް ކަން ކުރި ތަހުގީގުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.