ބްރިޖް އެއާޕޯޓް ލައިޓް ކައިރީ ޕޮލިސް ކާރަކަާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 7:49 ހާއިރު ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

އެކްސިޑެންޓް ހިނގާފައިވާ ގޮތަށް ބަލާއިރު ފެންނަނީ، ސައިކަލު ކާރުގެ ކުރީކޮޅުން ކަނާއަތް ފަޅީގައި ޖެހިފައިވާ މަންޒަރެވެ. އެއާއެކު ސައިކަލުގެ ފަހަތުކޮޅު އޮތީ ކާރުގެ ބޮނެޓް މައްޗަށް ވާ ގޮތަށް އަރިއަޅާލާފައި އޮއްވައެވެ.

ނަމަވެސް މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ހިނގި އިރު، ސައިކަލު ދުއްވަން އިން މީހާ އަކީ ލައިސަންސް އޮތް މީހެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

ބްރިޖް މަތީގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި އެބަ ހުއްޓެވެ. އާންމުކޮށް ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓްތަކުގައި ދުއްވަން ޖެހޭ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ދުުއްވުމާއި އޯވާ ޓޭކް ކުރުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ.