ސިޔާސީ ޕާޓީގައި ދަފްތަރުވުމަށް "ސިމެދާ" ޕޯޓަލް ގެ ނަމުގައި އިލެކްޝަން ކޮމިޝަން (އީސީ)އިން އޮންލައިން ޕޯޓަލްއެއް ތައްޔާރު ކޮށްފިއެވެ.

އާންމު ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި 5 ވަނަ އިސްލާހުގައި ވަނީ ސިމެދާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕާޓީއަށް ރަޖިސްޓާ ވުމުގެ ފޯމުތައް އެ ޕާޓީއަކުން 10 އަހަރު ދުވަސް ވަންދެން ރައްކާކޮށް ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަނޭޅިއްޖެ ހާލަތެއްގައި އިލެކްޝަން ކޮމިޝަން (އީސީ) އިން ފޯމު ބަަލައިގަންނާނެ ކަމަށެވެ.

ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން ވެއްދުމަށް އީސީ އިން ކަނޑައަޅައިފައިވާ ފޯމެޓަށް އެ ޕާޓީއަކުން ފޯމެއް ތައާރަފު ކުރަންވާނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ބަލާއިރު އެ ފޯމުގައި އީސީ އިން ކަނޑައަޅާފައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އެ ފޯމުގައި އިނގިލީގެ ނިޝާން އީސީ އިން ގަބޫލުކުރާ ފެންވަރަކަށް ޖަހާފައި ހުންނަންވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އޮންލައިންކޮށް ފޯމު ބަލައިގަތް ނަމަވެސް ޕާޓީގެ ދަފްތަރުގައި ހިމެނުމުގެ ކުރިން އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރުކުރުމަށް ފޯމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޔާސީ ޕާޓީތަކުން ފޯމު ހުށަހަޅުމުގެ އުސޫލުގެ ތެރެއިން ޝަކުވާ ހުށަހެޅޭނެއެވެ.

އީސީއިން ވަނީ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމަށް ވެސް އިސްލާހެއް ގެނެސްފައެވެ،

"ސިމެދާ" ޕޯޓަލްއަށް ސިޔާސީ ޕާޓީތައް އަހުލުވެރިކުރުމުގެ ގޮތުން އީސީއިން ވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.

އީސީން މި ޕޯޓަލް ތައާރަފް މި ކުރީ މީހުންނަށް އޮޅުވާލައިގެން ނުވަތަ އެމީހުންގެ ހުއްދައަކާ ނުލާ ޕާޓީތަކަށް ރަޖިސްޓްރީ ކުރާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން ދާ ވަގުތެއްގައެވެ.