ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަތީޝް ކޯޝިކް އުމުރުން 66 އަހަރުގައި މަރުވެއްޖެއެވެ.

ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ވާސަޓައިލް އެކްޓަރު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ނިއު ދިއްލީގައެވެ. ސަތީޝްގެ އެންމެ ގާތް އެކުވެރިޔާ އެކްޓަރު އަނޫޕަމް ޚޭރު ކުރި ޓްވީޓެއްގައި ބުނީ އޭނާ ގެއިން ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެން ކަމަށެވެ. އަވަސްފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި އޭނާއަށް ހާޓްއެޓޭކެއް ޖެހިގެން މަރުވީ ހޮސްޕިޓަލަށް ނުގެންދެވެނީހެވެ.

ސަތީޝްގެ މަރާއެކު މުޅި ބޮލީވުޑް ހިތާމަކުރަމުން އަންނައިރު ގިނަ އެކްޓަރުން ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔާފައެވެ. އެކްޓަރު އަޖޭ ދޭވްގަން ކުރި ޓްވީޓްގައި ބުނީ އިއްޔެ އިރުއެރި އިރު ލިބުނު ހަބަރަކުން މުޅި މީހާއަށް ސިހުން ގެނެއްސި ކަމަށާއި އޭނާ އަކީ މޮޅު އެކްޓަރެއް ކަމަށާއި އަދި އޭނާއާއެކު މަސައްކަތް ކޮށްލަން ލިބުމުން ޝުކުރުވެރި ވާކަމަށެވެ.

ބަތަލާ ކަންގަނާ ކުރި ޓްވީޓުގައި ބުނީ ސަތީޝް އަކީ އޭނާގެ އެންމެ ވަރުގަދަ މެންޓޯ ކަމަށާއި އަބަދުވެސް އޭނާގެ ފަހަތުގައި ހިތްވަރުދޭން ހުންނަ މީހަކީ ސަތީޝްކަމަށެވެ. ސަތީޝް މަރުވި ހަބަރު އެހީ ފުން ހިތާމައަކާއެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ. ކަންގަނާ ބުނީ ސަތީޝް އަކީ މީހުންނަށް ވަރަށް ހެޔޮ މީހެއް ކަމަށާއި ފިލްމު "އެމެޖެންސީ" ގައި އޭނާއާއެކު މަސައްކަތް ކުރަން ލިބުމުން ޝުކުރުވެރިވާ ކަމަށެވެ. އަދި ސަތީޝް އަކީ އޭނާގެ އޯލްޓައިމް ފޭވަރިޓް ކަމަށެވެ.

އާންމުކޮށް ކޮމެޑީ ރޯލްތަކުން ފެންނަ ސަތީޝް އަކީ ބެލުންތެރިންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ވަރުގަދަ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހު ޒީ5 އިން ސްޓްރީމްކުރި "ޗަތުރީވާލީ" އިންނެވެ. ކުޅަދާނަ އެކްޓަރެއްގެ އިތުރުން ސަތީޝް އަކީ މޮޅު ޑައިރެކްޓަރެއްވެސް މެއެވެ. އައިޝްވާރިޔާ ރާއި ބައްޗަން ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" އަކީ އޭނާގެ ޑައިރެކްޝަނެކެވެ. އޭގެ އިތުރުން އޭނާ ޑައިރެކްޓްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި ސަލްމާން ހާންގެ "ތޭރޭ ނާމް" އަދި ސްރީދޭވީގެ "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" ހިމެނެއެވެ.

ސަތީޝް ކުޅުނު މަގްބޫލު ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، "ދީވާނާ މަސްތާނާ" "ޕަރުދޭސީ ބާބޫ"، "އާ އަބް ލޯޓް ޗަލޭ" އަދި "ތޭރޭ ސަންގު" ހިމެނެއެވެ.