ރާއްޖެއަކީ މުއްސަދި ސަގާފަތެއްގެ އިތުރުން ރީތި އެތައް އާދަކާދަތަކެއް ލިބިފައިވާ ގައުމެކެވެ. ރާއްޖޭގެ ސަގާފަތާއި އާދަކާދައަކީ ރާއްޖެއަށް ޒިޔާރަތް ގިނަ ފަތުރުވެރިންނަށް ކަމުދާ ކަމަކަށް ވަނީ ވެފައެވެ. ސުފުރާމަތިން ފެށިގެން ގޮސް ހާއްސަ ދުވަސްތަކާއި ނެށުންތަކުންވެސް ދިވެހިންގެ އާދަކާދައިގެ އަމިއްލަ ވަންތަ ކަމަށް ހާމަވެއެވެ.
މިހެން މިކަން އޮތަސް ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓީބީ) ބާލިން ފެއާގައި ދިވެހިރާއްޖެއިން ބައިވެރިވެ ހުށަލަޅާފައި ވަނީ ހުތުރު ނެށުމެކެވެ. ދިވެހި ޑާންސް ގްރޫޕެއް ކަމަށްވާ 'ޑައިނިސިއެކްސް' ގުރޫޕުން ހުށަހެޅި މި ނެށުންތަކާއެކު ދިވެހިންގެ ސަގާފީ ނެށުން ތަކުން ވަނަ ހޯދަމުން އަންނަ ދިވެހިންގެ އަގު ވެއްޓި 'ސުމަކަށް، ވެއްޖެއެވެ.
ގިނަ ބައެއްގެ ފާޑުކިޔުންތައް މި ނެށުންތަކަށް ވަނީ އަމާޒު ވެފައެވެ. ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދިވެހިރާއްޖެ އެއްވެސް ސަގާފީ ނެށުމެއްގެ ސިފައެއް އެ ނެށުންތަކުން ނުފެނުނު ތާނގައި ފެނިގެން ދިޔައީ ރާއްޖޭން ބޭރުގެ މީހުން ނަށަމުން ގެންދާ ވައްޓަފާޅިއަށް ނޫކަށި ފުރައިގެ ދެ ޖިންސުގެ ދިވެހި ޒުވާނުންތަކެއް މަސްހުނިވެ ނަށަމުން ދިޔަ މަންޒަރެވެ. ބައެއް ނެށުންތައް ހުށަހަޅީ ދެ ޖިންސުގެ ޒުވާނުން ޖޯޑުޖޯޑަށެވެ.
އަނެއްކާވެސް ދިވެހި ސަގާފަތާ ފުށޫއަރާކަމެއް ދިމާވީއެވެ. ދިވެހި ސަގާފަތް ދިރުވާ އާލާކުރުމުގެ މުހިންމުކަމުގެ ވާހަކަ ދިވެހިންގެ ތެރޭގައި ހަރުއަޑުން ދެކެވެން ފެށީއެވެ. ސަގާފަތް ދިރުވާ އާލާ ކުރެވޭނެ ތަފާތު ގޮތްތަކުގެ ވާހަކައެވެ. ސަގާފަތް ޒަމާނާއެކު ޒަމާނީ ތަރައްގީއަށް ފައްތަމުންދާ ވާހަކައެވެ. ސަގާފަތުގެ އަސްލު ގެއްލިގެންދާ ކަމުގެ ވާހަކައެވެ. ދުވަސްކޮޅަކު މި ވާހަކަ ހަރު އަޑުން ގޮވި ނަމަވެސް ހަނދާން ނެތެން ނަގާނީ ހަމަ ފަޅި ސިކުންތެކެވެ.
ރާއްޖެއިން ބާލިން ފެއާގައި ބައިވެރިނުވާތާ 3 އަހަރު ފަހުން ބައިވެރިވެ މިދެއްކީ ހުތުރު ނެށުމެކެވެ. ސޯޝަލް މީޑިއާގައި މި ނެށުންތަކުގެ ވީޑިއޯތައް އާންމުވުމާއެކު ގިނަ ދިވެހިން ބުނަމުން އަންނަނީ މި ނެށުންތައް ހުށަހެޅި ފަރާތްތަކުން ދިވެހި ސަގާފީ ހެދުން އަޅައިގެން ތިބެ ސަގާފީ ހެދުމަށް ވެސް ހުތުރު އެރުވީ ކަމަށެވެ. ސަގާފީ ހެދުންތަކެއް ލައިގެން "ވައްތަރުތަކެއް" ޖެއްސި ނަމަވެސް އެ ނެށުންތައް ދިވެހި ސަގާފީ ނެށުންތަކަކަށް ނުވާނެ ކަމަށެވެ.
އެ ނެށުންތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ދަނޑިވަޅުގައި އެ ވީޑިއޯތަކަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެފައި ވާއިރު ސަގާފަތް ދިރުވުމުގެ ނަމުގައި އޮތް ހެރިޓޭޖް މިނިސްޓްރީ ވެސް ވީތަނެއް ނޭނގޭ ކަމަށް ބުނެފައި ވެއެވެ. ބައެއް މީހުން އެ ނެށުމަށް ކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު ދިވެހިން ސަގާފަތް ދެކެ ލަދުގަންނަން ޖެހޭ ވަރަށް ބާލިން ފެއާގައި އެކަން ކޮށްފި ކަމަށް ބުނެ ވެސް ވަނީ ފާޑު ކިޔާފައެވެ. އަދި ބައެއް މީހުން އެ ނެށުން ސިފަކޮށްފައިވަނީ "ކްލަސިކަލް ކަޕުލް ޑާންސް" އެއްގެ ގޮތުގައެވެ.
ދިވެހިންގެ ސަގާފީ ނެށުންތަކުގެ ތެރޭގައި ހިމެނޭ ދަނޑިޖެހުން، ތާރަޖެހުން، ބޮޑުބެރު، ފަތިގަނޑުޖެހުމުގެ އިތުރުން ބަނޑިޔާޖެހުން ފަދަ ސަގާފީ ރީތި ނެށުމެއް އައިޓީބީ ފަދަ ބޮޑު ފެއާއެއްގައި ދިވެހިރާއްޖެ ތަމްސީލު ކޮށްދޭއިރު، އެ ހުށަހެޅުމަކީ ދިވެހި ސަގާފީ ނެށުމުގެ ފުރިހަމަކަން ދައްކުވައިދޭނެ ކަމަކަށް ވާނެކަމީ މުޖައްރިބު ކަމެކެވެ. ދިވެހިން ޒަމާނުންސުރެ ހުށަހަޅަމުން އައި ސަގާފީ ރީތި ނެށުމެއް ބެލުމަށް އެ ފެއާގައި ބައިބެރިވި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް މާ ގަޔާވީހެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހިންގެ ސަގާފަތާ އާދަކާދަތައް ނެތެމުން ދާއިރު އެ ސަގާފަތާ އާދަކާދަތައް ދިރިވުމަކީ ހަމަ ކޮންމެ ދިވެއްސަކުމެ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މި ޒިންމާގެ މަތިން ހަދާންވަނީ ހަމައެކަނި މިފަދަ ކަމެއް ދިމާވުމުންނެވެ.