ރައްޔިތުންނަކީ އެވަގުތަކު އޮންނަ ސަރުކާރެއްގެ އަޅުންގެ ގޮތުގައި ބައިތިއްބަން، ސިޔާސަތު ބައްޓަންކޮށްގެން ނުވާނެ ކަމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ވިދާޅުވީ، އެއާޕޯޓާއި ސީޕޯޓްގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި ގާއިމް ކުރެވެމުން ދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ވާހަކަވެސް ދައްކަންޖެހޭ ކަމަށާއި އެ ތަންތަން ހިންގަމުން ދަނީ އިގްތިސާދީ ވިސްނުމެއްގައިތޯ ބަލައި، ރައްޔިތުންނަށާއި ދިވެހިރާއްޖެ އަށް ލިބޭ ނަފާއާމެދު ވެސް ބަހުސްކޮށް ވާހަކަދައްކަން ޖެހޭ ކަމަށެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދަންޖެހޭ ކަމަށާއި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދަން މަސައްކަތް ކުރާނަމަ އެ ގައުމަކަށް ލިބިފައިވާ އިގްތިސާދީ ފުރުސަތުތަކުގެ ނަފާ ރައްޔިތުންނާ ހަމައަށް ފޯރާން ވާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގައި މުހިއްމު ބައެއް ކަމުގައިވާ ޓޫރިޒަމްގެ ނަފާވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ހަމައަށް ބެހިގެން، ޑިސްޓްރިބިއުޓްވެގެން ނުދާކަމަށް ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަކީ ފުދުންތެރިބަޔަކަށް ހެދުމަށް މި ސަރުކާރުން ވެސް އަދި ކުރީގެ އެއްވެސް ސަރުކާރަކުންވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ރޯދަ މަސް ބޯމަތިވެފައި ވާއިރު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ފެންބިލާއި ކަރަންޓު ބިލު ނުދެއްކި، ކަންމަތީ ފިހާރައަށް ދަރާ މިންވަރު އިތުރުވެ، މިފަދަ އަސާސީ މުހުތާދުތައް ނުފުއްދިފައިވާ ކަމަށެވެ.

އަދި އެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ބަޔާންކުރައްވާ، ގައުމު އިގްތިސާދީ ފުދުންތެރި ތަނަކަށް ހެދުމަށް، މި ސަރުކާރުން ވެސް އިކޮނޮމިކް ގްރޯތަށް ވިސްނައިގެން މަސައްކަތް ކުރާތަން ނުފެންނަކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ.

އެމްއެންޕީ އިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެފައި ވަނީ "ފުދުންތެރި ދިވެއްސެއް" މި މައިގަނޑު ޝިއާރުގެ ދަށުން ހުރިހާ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށްޓަކައި އެކަށައަޅާފައިވާ ސިޔާސަތުތަކާ އެކީ އެވެ. އެމްއެންޕީ ގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.