ހުޅުމާލޭގައި 690 ހައުންސިން ޔުނިޓް އެޅުމުގެ މަސައްކަތާ ގުޅިގެން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ދީފައިވާ 550,000 ޑޮލަރު ހޯދަން އެމްޓީސީސީއަށާއި އެ ކުންފުނީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ) އަށް އޭސީސީއިން އަންގައިފިއެވެ.

އޭސީސީއިން ބުނީ އެގޮތަށް އަންގާފައިވަނީ އެމްޓީސީސީގެ 99.99 ޕަސެންޓް ހިއްސާވާ އެމްއާރުއީއައިސީއިން އިންޓަ ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައިއެފްސީއޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެދޮރު ބިނާކޮށް ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭ ގޮތަށް 550,000 ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހު ކަމަށެވެ.

އައިއެފްސީއޭއަށް ދީފައިވާ 550,000 ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައިއެފްސީއޭއިން ހޯދުމަށްފަހު އެމްއާރުއީއައިސީއަށް އަނބުރާ ހަވާލުކުރަންޖެހޭ ފައިސާ ކަމަށާއި އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމްޓީސީސީން އެމްއާރުއީއައިސީއަށް ދީފައިވާ ފައިސާކަން އެނގޭ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

އޭސީސީއިން ބުނީ އައިއެފްސީއޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމްއާރުއީއައިސީއަށް ދީފައިނުވާތީ އެ މައްސަލާގައި ހިމެނޭ 550,000 ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ.