ހދ. ކުނބުރުދޫ ގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށް ދަނީ ކުނި ޖަމާކުރާ ޝެޑްގެ ރޫފިން މަސައްކަތް ކަމަށެވެ.

ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ ޖޫން 06، 2022 ގައެވެ. މި މަޝްރޫއުގެ ދަށުން، ކުނި ޖަމާކުރާ ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތުގެ ތެރެއިން ސައިޓް ކްލިއާ ކުރުމާ ކޮންކްރީޓް މަސައްކަތްތަކާ ފުރާޅެއް ހެދުމާ ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާ ޕެރިމީޓަރު ޑްރެއިން ކުރުމާ އެކްސަސް ރޭމްޕުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

140 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލުކުރި މި މަސައްކަތުގެ ޖުމްލަ އަގަކީ 7.67 މިލިއަން ރުފިޔާއެވެ.

ހދ. ކުނުބުރުދޫގައި ގާއިމުކުރާ ކުނި ޓްރާންސްފާ ސެންޓަރުގެ ސަބަބުން އެ އަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނި ކުނބުރުދޫ ޓްރާންސްފާ ސްޓޭޝަނަށް ޖަމާކުރެވި ޕްރޮސެސް ކުރުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދެވޭނެއެވެ.

ހދ. ކުނބުރުދޫ އަކީ 2010 ވަނަ އަހަރުން ފެށިގެން މީހުން ދިރިނޫޅޭ ރަށެކެވެ.