ހުރިހާ ކިއުއާރު ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީސް) ބޭނުންކުރަން ޖެހޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ ބީއެމްއެލް އެޕް އަޕްޑޭޓް ކުރުމުން ބީއެމްއެލް މޯބައިލް ބޭންކިން އެޕް އިން ކަސްޓަމަރުން ކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަން ތަކަށް އޯތެންޓިކޭޓާ އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށާއި ހިދުމަތް ހޯދުމަށް އެ އޯޓީޕީ ޖަހަން ޖެހޭނެ ކަމަށެވެ.

ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް ބީއެމްއެލްއިން ގިނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނައިރު ބީއެމްއެލުން ގެނައި މި ބަދަލަކީވެސް ކަސްޓަމަރުން ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެޅި ފިޔަވަޅެކެވެ. ކަސްޓަމަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް މި މަސް ނިމުމުގެ ކުރިން ތައާރަފްކުރާނެ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް މިދިޔަ ޑިސެންބަރު މަހު، ބީއެމްއެލްގެ އިންޓާނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ބީއެމްއެލްއިން ހަމަޖައްސާފައެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން ބީއެމްއެލްއިން އަޅާފައިވާ ފިޔަވަޅެކެވެ.

ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ސްކޭމްގެ އުކުޅުތައް ދެނެގަނެ ކަސްޓަމަރުންގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލުން ވަނީ ތަކުރާރުކޮށް އެދިފައެވެ.