އަމީނީ މަގު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން، މިހާރު ތާރު އަޅާ ނިމިފައޮތް ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނި ގޮތުގައި އަމީނީމަގުގެ 1 ވަނަ ސެގްމަންޓް، 2 ވަނަ ސެގްމަންޓްގެ އިތުރުން 3 ވަނަ ސެގްމަންޓްގެ މަސައްކަތް ނިމި އެ ސަރަހައްދު އާންމުންނަށް ހުޅުވާލި ނަމަވެސް ފިނިޝިންގް އަށް ކުރަން ޖެހޭ ކުދި ކުދި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމު ކުރުމަށް މޫނިމާ ހިނގުން ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށް ވެސް އާރްޑީސީން އިން ބުންޏެވެ.

އާރުޑީސީން މަގުހެދި ނަމަވެސް ތާރު ނޭޅި ލަސްވުމުން މިހާރު ހުޅުވި ބައިގައި ތާރު އެޅީ އެމްޓީސީސީންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ފުރަތަމަ 3 ސެގްމެންޓާ ހަމައަށް އެއް ރެއިން ވަނީ ތާރު އަޅާ ނިންމާލާފައެވެ.

ތާރު މެޝިނުން، ތާރު އޮއްސަމުން ގޮސް އަމީނީ މަގުކޮޅުން ގޮސް ބޭރުމަގަށް އަރަނީ / ފައިލް ފޮޓޯ: ދަ ޕްރެސް

13 ސެގްމެންޓަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދާ އަމީނީ މަަގު، ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައި، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

84,000,000 ރުފިޔާގެ މި ބޮޑު މަޝްރޫއުގެ މަސައްކަތް ނިންމުމަށް 210 ދުވަހުގެ މުހުލަތެއް ދިން މި މަޝްރޫއު ނިމޭއިރު މުޅި އަމީނީ މަގުގެ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިހާރު މި މަގުގެ މަސައްކަތް ކުރާތާ 7 މަސް ވީއެވެ. އަދި ނިންމާލެވުނީ ސްޓެލްކޯއާ ހަމައަަށެވެ.