އިންޑިއާގެ ޕަންޖާބުގެ އަވަށަކަށް ނިސްބަތްވާ ލަވަކިޔުންތެރިއަކު މަރާލުމުގެ ތުހުމަތުގައި ޖަލުގައި ބަންދުކުރި 2 ގޭންގެއް ޖަލުތެރޭގައި ތަޅާފޮޅާގަނެ މާރާމާރީ ހިންގާ 2 މީހަކު މަރާލައިފިއެވެ.

މިކަން ހިނގާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ލަވަކިޔުންތެރިޔާ މަރާލުމުގެ ތުހުމަތުގައި 2 ގޭންގަކަށް ނިސްބަސްވާ ބަޔަކު ޖަލުގެ އެއް ބެރެކްސް (ގިނަބަޔަކަށް އެކުގައި ނިދާހެދޭ ގޮތަށް ހުންނަ ބޮޑު ތަނެއް) އެއްގައި ބަންދު ކުރުމުންނެވެ. ފުލުހުން ބުނާ ގޮތުން 2 ގޭންގަކަށް ނިސްބަތްވާ 24 މީހަކު އެއް ބެރެކްސް އަކަށް ލީ އެ 2 ގޭންގަކީ އެއްބަޔަކު އަނެއް ބަޔަކާ ރަހުމަތްތެރި ބަޔަކަށް ވާތީ ކަމަށެވެ.

ނަމަވެސް ޖަލުތެރޭގައި ހަމަނުޖެހުން ހިނގީ، އެ ލަވަކިޔުންތެރިޔާ މަރާލި މީހާވެސް އޭގެ ތެރޭގައި ހުރުމާއި، ދެބަސްވެ ހިޔާލު ތަފާތުވެ ލަވަކިޔުންތެރިޔާ މެރި މީހާ މަރާލަން ގޭންގް މެންބަރުން ދިމާކުރުމުންނެވެ. މި ހަމަނުޖެހުމުގައި މަރުވީ އެތަނުން އެއް ގޭންގަކަށް ނިސްބަތްވާ 2 މީހުންނެވެ. އިތުރު ބަޔަކު ޒަހަމްވި އިރު އެމީހުން ނިސްބަތްވަނީ ދެން އޮތް ގޭންގަށެވެ.

މި މައްސަލައާ ގުޅިގެން ޖަލު ބަލަހައްޓާ ފަރާތްތަކަށް ފާޑުކިޔުންތައް އަމާޒުވެ އެމީހުންގެ އިސްތިއުފާއަށް ގޮވަމުން ދާއިރު، ގޭންގް މާރާމާރީގައި މަރާލި ދެމީހުންގެ ވީޑިއޯ ކޮށް އާންމުވެސް ކޮށްފައި ވެއެވެ. 2 ވީޑިއޯ ކްލިޕެއް އާންމު ކުރި އިރު އެއް ކްލިޕެއްގައި ލެޔާ ތަތްތެޅިފައި 2 މީހަކު ވެއްޓިފައި އޮންނަ އިރު އެމީހުންގެ ކައިރީގައި ގޭންގް ސްޓާރުން ތިބެއެވެ. އަދި މާ ދުރުނޫން ހިސާބެއްގައި ފުލުހުންވެސް ތިބެއެވެ.

މި މައްސަލަ ބޮޑުވެ ޕަންޖާބް ފުލުހުންނަށް ޕްރެޝާ ބޮޑުވެފައި ވާ އިރު، މައި ސަރުކާރުން އަޅާ ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ.

ހިސާބުތައް ދައްކާ ގޮތުން ހުސްވި އަހަރު އެކަނިވެސް ޕަންޖާބުގައި 600 އަށް ވުރެ ގިނަ މީހުން މަރާލާފައި ވެއެވެ. އަދި 1600 އަށް ވުރެ ގިނަ މީހުން ވަގަށް ނަގާފައި ވެއެވެ. 27 މިލިއަން މީހުން ދިރިއުޅޭ ޕަންޖާބުގައި މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް ހަރަކާތްތެރި ވަނީ މައިގަނޑު 70 ގޭންގެކެވެ. އެ ގޭންގްތަކަށް ނިސްބަޔްވާ ބޮޑުންގެ ގޮތުގައި 545 މެބްމަރުން އުޅޭއިރު އެންމެ ބޮޑެތި ގޭންގްސްޓާރުންގެ ގޮތުގައި ލިސްޓު ކޮށްފައި ވަނީ 10 މީހެކެވެ.