ރަަމަޟާން މަހު ސައުދީއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ސައުދީއިން ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު ލިބުމުން ކަދުރުތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އާންމުކޮށް ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ސައުދީން ހަދިޔާކުރާ ކަދުރު، ރަމަޟާން މަސް ފެށުމުގެ ކުރިން ލިބެއެވެ. ނަމަވެސް ފާއިތުވި އަހަރު ކަދުރު މޫސުން ލަސްވުމުގެ ސަބަބުން ކަދުރު ލިބުނީ ރަމަޟާން މަސް ނިމުނު ފަހުންނެވެ.

50 ޓަނުގެ ގޮތުގައި ސައޫދީ ސަރުކާރުން މިދިޔަ ރޯދަމަހު ހަދިޔާ ކޮށްފައިވާ 25،000 ކަދުރު ޕެކެޓު ބަހާފައިވަނީ ފަގީރުންނަށް އިސްކަންދީގެންނެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހުނީ 26 ޕެކެޓު ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ރަމަޟާން މަހަކު ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރާއިރު، 2021 ވަނަ އަހަރުގެ ރަމަޟާން މަހު ދެ ގުނަ މަދުން ސައުދީއިން ކަދުރު ހަދިޔާކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދިއެވެ.