ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދިރާސާ އެއް ކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގައި ވަނީ، އެކި ދާއިރާތަކުގައި އަންހެނުން މަސައްކަތްކުރަމުން ދާއިރު، ސިއްހީ ގޮތުން އަންހެނުން ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށް ފާހަގަކުރައްވައިފައެވެ. އެގޮތުން އީވާ ފާހަގަކުރެއްވި މައްސަލަތަކަށް ބަލާލާއިރު:

  • ދަރިމައިވުމުގެ މައްސަލަތައް
  • ހައިޟުވުމުގައި ދިމާވާ މައްސަލަތައް
  • ވިހެއުމާއި ވިހެއުމަށް ފަހު ދިމާވާ މައްސަލަތައް

އެފަދަ މައްސަލަތައް ގިނަ ފަހަރު ދިމާވަނީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކަމަށް، އީވާގެ ގަރާރުގައި ވިދާޅުވިއެވެ. ޖިސްމާނީ ގޮތުން އަންހެނުންނަށް ސިއްހީ މައްސަލަތައް ދިމާވާ ގޮތްތަކަށް ބަލާލާއިރު، އޭގެ ތެރޭގައި ޖިންސީ ގޮތުން ކުރާ އަނިޔާ އާއި ގެވެށި އަނިޔާ އަށް އަންހެނުން ހުށަހެޅިގެން ދިއުން ހިމެނޭ ކަމަށް އީވާ ފާހަގަކުރައްވާފައިވެއެވެ.

އަންހެނުންގެ ސިއްހީ މައްސަލަތައް ހައްލުކުރެވޭނީ، އީވާ ގަބޫލުކުރައްވާ ގޮތުގައި، އަންހެނުންނާ މެދު ދިވެހި މުޖުތަމައުގައި ކުރާ ތަފާތުކުރުންތަކާއި އެ މީހުންގެ އިޖުތިމާއީ ހާލަތަށާއި ސިއްހީ ދުޅަހެޔޮކަމަށް ރިއާޔަތްކުރުމަށް ފަހު ފުޅާ ދާއިރާއެއްގައި ދިރާސާ އެއް ކުރެވިގެންނެވެ. އެ ކުރެވޭ ދިރާސާގެ އަލީގައި އަންހހެނުންގެ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.