ރާއްޖޭގައި އިންޑިއާ އަދި އެހެން ގައުމެއްގެ އަސްކަރީ ބާރުވެރިކަމެއް އޮތުމަށް ރުހުން ނެތް ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ނާޒިމް ބުނަނީ ކީކޭ؟" ގެ ނަމުގައި ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވާހަަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ މިއަދުގެ މައްސަލައަކީ ހަމައެކަނި ބޭރުގެ ސިފައިންގެ މައްސަލަ ނޫން ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ ހާރިޖީ ސިޔާސަތުގައި އަމިއްލަ ބާރުވެރިކަން ނެތުން ކަމަށެވެ.

އެގޮތުން ދައުލަތުގެ ހުރިހާ ނިންމުންތަކާއި މުދާވެސް ވަކި އެއް ގައުމެއްގެ ނުފޫޒުގެ ތެރެއަށް ވަދެ ގެން ގޮސްފައިވާ ކަމަށާއި ދައުލަތުގެ ބޮޑެތި ސްޓެރެޓެޖިކް އިންވެސްޓްމަންޓްތަކާއި ލޮކޭޝަންތަކާއި ދިފާއީ ބާރުތަކުގެ މުހިންމު ތަންތަނާއި އިންވެސްޓްމަންޓްތައް ވެސް ހަމަ އެއް ގައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަހުގައާއި މި ސަރަހައްދުގައި މިހާރު ހިނގަމުންދާ ޖިއޮ ޕޮލިޓިކްސްގެ ހަނގުރާމައިގައި ރާއްޖެއިން ހިޔާރުކޮށްފައިވާ ފަޅީގައި ތިބި ގައުމުތައް ފިޔަވާ ދެން ތިބި ގައުމުތަކާ ދުރުވެފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާވެސް ދުރުވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އޮތް އެންމެބޮޑު ނުރައްކާތެރިކަމަކީ އެއީ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ހަނިމާދޫ އާއި އައްޑުއަތޮޅު ގަމުގެ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަށް އަލިއަޅުވާލައްވާ ނާޒިމް ވިދާޅުވީ އެކި ގައުމުތަކުން އިގްތިސޯދީ ނުފޫޒު ހިންގުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އިންޑިއާގެ ކުންފުނިތަކެއްގެ އަތްދަށުގައި އެ ދެ ސަރަހައްދު އޮތުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.